





.jpeg?w=3840&q=75)


-
ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑުން މުޅި ރިސޯޓުގެ މާހައުލު ވަނީ ގުގުމާފައެވެ. ޒަޔާން އިރުކޮޅަކު ވިސްނާލުމަށްފަހު، ޔާނާގެ ދައުވަތު ގަބޫލުކޮށް، އޭނާއާއެކު ރިސޯޓުގެ ކެފޭއާ ދިމާލަށް ހިނގައިގަތެވެ.
ކެފޭގެ އެންމެ ކަނެއްގައި، މޫދު ފެންނަ ގޮތަށް ހުރި މޭޒެއްގެ ދޮށުގައި ދެމީހުން އިށީނެވެ. ހޫނު ކޮފީ ތަށިން އަރަމުންދިޔަ ދުމާއެކު، މާހައުލަށް ވަނީ ހިތްގައިމު އަމާންކަމެއް ވެރިވެފައެވެ.
ޔާނާ ހޫނު ކޮފީ ތަށިން އެތިކޮޅެއް ބޯލުމަށް ފަހު ޒަޔާން އާއި ދިމާލަށް ބަލާލާފައި ހީލަމުން އެހިއެވެ. "ވިއްސާރަ ދުވަހަކު ސީޕްލޭން ދުއްވުމަކީ ބިރުވެރި ކަމެއް ނޫންތަ؟"
ޒަޔާންވެސް ލުއި ހިނިތުންވުމަކާއެކު ކޮފީ ތަށިން އެތިފޮދެއް ބޯލިއެވެ. "އާން އާންމުކޮށް އާދަވެފައި ހުންނަ ކަމެއް ވީމަ މިހާރު ނުގަނޭ. އެކަމަކު މިރޭ މޫސުން މާ ގޯސްވީ. އެހެންވެ، މިތަނަށް ޖައްސަން މަޖުބޫރުވީ... އިއްތިފާގުން."
"އިއްތިފާގުތަކަކީ އަބަދުވެސް ވަރަށް ރީތި މަންޒަރުތައް އުފައްދައިދޭ އެއްޗެއް،" ޔާނާ އޭނާގެ ކެމެރާ މޭޒުމަތީގައި ބާއްވަމުން ބުންޏެވެ. "އަހަރެން މި ރިސޯޓުގައި އުޅޭތާ އަހަރެއް ވަނީ. ކޮންމެ ދުވަހަކުވެސް ނަގަނީ އެކި ކަހަލަ މަންޒަރުތައް. އެކަމަކު މިރޭ ވާރޭގެ ތެރެއިން ސީޕްލޭން ތިރިކުރި މަންޒަރަކީ އަހަރެންގެ ކެމެރާއަށް ނެގުނު އެންމެ ރީތި އެއް ފޮޓޯ."
ޔާނާ ކެމެރާގެ ސްކްރީން ދައްކާލިއެވެ. އޭގައި އޮތީ ބޯ ވާރޭގެ ތެރެއިން، ރިސޯޓުގެ އަލިތަކުގެ މެދުގައި ސީޕްލޭން ފަޅަށް ތިރިކުރި ވަގުތު ޒަޔާން ފައިބައިގެން އަންނަ މަންޒަރެވެ. އެ ފޮޓޯއިން ޒަޔާންގެ މޫނުމަތިން ފެންނަ ސީރިއަސްކަމާއި، މާހައުލުގެ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.
"ވާވް... ވަރަށް މޮޅު ފޮޓޯއެއް،" ޒަޔާންއަށް ބުނެވުނެވެ. "ތީ ވަރަށް ހުނަރުވެރި ފޮޓޯގްރާފަރެއް."
ޔާނާގެ ވާހަކަދެއްކުމާއި، އޭނާގެ މިޒާޖުގައިވާ މިނިވަންކަމުން ޒަޔާންގެ ހިތަށް އާދަޔާޚިލާފު ހަމަޖެހުމެއް ލިބުނެވެ. މާލޭގައި އުޅޭއިރު އަބަދުވެސް އުޅެންޖެހެނީ އަވަސްއަރުވާލައިގެން، ވަގުތުގެ ފަހަތުން ދުވުމުގައެވެ. އާލިޔާއާއެކުވެސް މިފަދަ ހަމަޖެހޭ ވަގުތުކޮޅެއް ހޭދަނުކުރެވޭތާ އެތައް ދުވަހެއް ވެއްޖެއެވެ.
އެވަގުތު ޒަޔާންގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ އާލިޔާއެވެ.
"ސޮރީ... އެބަ އަންނަން. ފޯނެއް،" ޒަޔާން ތެދުވެލަމުން ބުންޏެވެ.
"އާނ، އޯކޭ،" ޔާނާ ހިނިތުންވެލިއެވެ.
ޒަޔާން ތަންކޮޅެއް ދުރަށް ޖެހިލައި ފޯނު ނެގިއެވެ. "ހެލޯ އާލިޔާ..."
"ޒަޔާން! ކޮން ތާކު؟" އާލިޔާގެ އަޑުގައި ވަނީ ހާސްކަމެވެ. "މާލެއަށް ވަރަށް ގަދައަށް ވާރޭވެހޭތީ ސަރޖަރީ ނިމުނު ގޮތަށް އަވަހަށް މި ގުޅީ."
"އަހަރެން ރަނގަޅު އާލިޔާ،" ޒަޔާން މަޑުމައިތިރިކަމާއެކު ބުންޏެވެ. "މޫސުން މާ ގޯސްވީމަ މާލެ ނާދެވިގެން، ރިސޯޓެއްގައި ޖައްސަން ޖެހުނީ. އެހެންވެ އެތާގަ ތާށިވެފައި މިހުރީ. އެކަމު ޔަގީނުންވެސް މާދަމާ ހެނދުނު މާލެ ދާނަން."
"އޯ... އެހެންތަ؟" އާލިޔާ ފުން ނޭވާއެއްލިއެވެ. "ސާރޖަރީ ނަސީބަކުން އަވަހަށް ނިމުނީމަ އަހަރެން އަދި އުޅުނީ މިރޭ ދިމާވާންވެގެން. އެކަމަކު ދެން ވިއްސާރަ ވެސް ދޯ... ބީ ސޭފް އިނގޭ އެކަމްވެސް. އަހަރެން މިދަނީ އެހެންވީމަ ގެއަށް. ވަރރރރރަށް ވަރުބަލި."
"ޑޯންޓް ވޮރީ! މާދަން ހެނދުނު އަަހަރެން މާލެ ގޮއްސަ ދާނަން ތި ގެއަށް. އާލިޔާވެސް އަވަހަށް ދެން ގެއަށް ގޮއްސަ އަރާމުކޮށްލާ،" ޒަޔާން ބުންޏެވެ.
ފޯނު ކަނޑާލުމަށްފަހު، ޒަޔާންގެ ހިތަށް ކުޑަ ކުށްވެރިކަމުގެ އިހުސާސެއް ވަނެވެ. އާލިޔާ އެހެރީ އޭނާއަށްޓަކައި ކަންބޮޑުވެފައެވެ. ނަމަވެސް އޭނާ މިހުރީ މުޅިން އާ އަންހެން ކުއްޖަކާއެކު ހަމަޖެހިލައިގެން ކޮފީ ބޯށެވެ.
ޒަޔާން އެނބުރި މޭޒު ދޮށަށް އައިއިރު، ޔާނާ އިނީ ބޭރު ބަލަހައްޓައިގެންނެވެ.
"ގުޅީ... ޚާއްސަ މީހެއްތަ؟" ޔާނާ ސުވާލުކޮށްލީ ވަރަށް އާދައިގެ ގޮތަކަށެވެ.
"އާނ... އެއީ މާލޭގައި އުޅޭ ޑޮކްޓަރެއް. އަހަރެންގެ... ގާރލްފްރެންޑް،" ޒަޔާން ބުންޏެވެ.
ޔާނާގެ މޫނުމަތިން ކުޑަ ސިހުމެއް ފެނިލި ނަމަވެސް، އަވަސް އަވަހަށް ހިނިތުންވެލިއެވެ. "އޯ... ވަރަށް ގުޅެއެންނު. ޑޮކްޓަރަކާއި ޕައިލެޓެއް... ވަރަށް ބިޒީ ދެމީހުން."
"އާނ، ވަރަށް ބިޒީ،" ޒަޔާން އިސްދަށަށް ޖަހާލިއެވެ.
ދެމީހުންގެ މެދުގައި ކުޑަ ހިމޭންކަމެއް ވެރިވިއެވެ. ނަމަވެސް އެ ހިމޭންކަމުގެ ތެރޭގައިވެސް، ދެމީހުންގެ މެދުގައި ނޭނގޭ ގުޅުމެއް އުފެދެމުންދިޔައެވެ. ޔާނާގެ ލޮލުން ފެންނަމުންދިޔަ ތަފާތު ކުލަވަރުން، އޭނާގެ ހިތުގައި ޒަޔާންއާމެދު ޝައުގުވެރިކަމެއް އުފެދިއްޖެކަން ޒަޔާންއަށް އިހުސާސްވިއެވެ.
މި ވާހަކައިގެ ތިން ވަނަ ބައި ގެނެސްދޭނީ އަންނަ ހޯމަ ދުވަހު އެވެ.




