








-
ނޭޕާލްއާއި ޗައިނާ ގުޅޭ ހިމާލިޔާ ބޯޑަރު ސަރަޙައްދަށް ދިމާވި ނުރައްކާތެރި ކުއްލި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ބިންހެލުމަކަށްފަހު، ފަރުބަދަމަތިން ބޮޑު ގަނޑުފެންގަނޑަކާއި ހިލަތައް ކަނޑައިގެން ވެއްޓިގެން ކަމަށް އިބްތިދާއީ ދިރާސާތަކުން ދައްކައިފިއެވެ.
މި ކާރިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އެ ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 4.4 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ. ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސްއިން ބުނި ގޮތުގައި، ސެކިއުރިޓީ ކެމެރާތަކުން ފެންނަ ފެންބޮޑުވުމުގެ މަންޒަރުތަކަށް ބަލާއިރު، ފެންގަނޑު ބޯޑަރު ސަރަޙައްދަށް ދެމިގަތީ ބިންހެލުން އައިތާ ގާތްގަނޑަކަށް ހަތް މިނެޓު ފަހުންނެވެ. ނޭޕާލްގެ ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީގެ ސެޓެލައިޓް އެނަލިސިސްތަކުން ދައްކާ ގޮތުގައި، ނޭޕާލް-ޗައިނާ ރަސުވާގަޅީ ބޯޑަރު ހުރަހުގެ އިރުއުތުރުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ލްހެންޑޭ ކޯރަށް ވަނީ ބޮޑު ގަނޑުފެންގަނޑަކާއި ހިލަތަކެއް ވެއްޓިފައެވެ.
ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި، ފަރުބަދައިން ފައިބައިގެން އައި މި ބޮޑު ގަނޑުފެންގަނޑުގެ ސަބަބުން ކޯރު ބަންދުވެ، ފެނާއި ކިސަޑު އަދި ހިލަތައް ފަހަތަށް ޖަމާވެ ބޮޑު ޑޭމެއް ފަދައިން ހެދުނެވެ. އަދި އެ ބެރިއަރު ފަޅައިގެން ދިޔުމާއެކު، ބިޔަ ފެންގަނޑު ކިސަޑާއި ގާތަކާއެކު ލްހެންޑޭ ކޯރުގެ ތެރެއިން ބޮޓޭ ކޯޝީ ކޯރުގެ ނިޒާމަށް ދެމިގަތީއެވެ. މި ފެންގަނޑާއެކު އައި ބާރުގަދަ ރާޅުތަކުގައި މަގުތަކާއި، ފާލަންތަކާއި، އިމާރާތްތަކުގެ އިތުރުން ކަރަންޓު ވިއުގަތައް ވަނީ އެއްކޮށް ހަލާކުވެފައެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ކާރިސާ ހިނގި ވަގުތު އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހިފައި ނުވާތީ، މިއީ ވިއްސާރައިގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށް ބެލެވެއެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން ފަރުބަދަ ކަނޑައިގެން ދިޔައީތޯ ނުވަތަ ގްލޭޝިއާ ކޯރެއް ފަޅައިގެން ދިޔައީތޯ ދެނެގަތުމަށް އިތުރު ތަހުގީގުތައް އަދިވެސް އަންނަނީ ކުރަމުންނެވެ. އަދި ލްހެންޑޭ ކޯރުގެ މަތީ ބައިގައި އަދިވެސް ބައެއް ބްލޮކޭޖްތައް ހުރުމުން، އިތުރު ފެންބޮޑުވުމެއް ހިނގައިދާނެ ކަމުގެ އިންޒާރުވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.








