








-
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޢަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމާ ގުޅޭގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ޗައިނާގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ވަޒީރު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ސަޢީދު ވަނީ ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރު ލިއު ޒިއާއޯމިންގްއާ ބައްދަލުކުރައްވާފައެވެ. އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ އެފްޓީއޭގެ ދަށުން ދެ ޤައުމަށް ލިބެންހުރި ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތަކުގެ ބޭނުން ހިފުމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ދެ ޤައުމު ގުޅިގެން މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ގަވަރުނަރު ލިއު ޒިއާއޯމިންގް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ޒަޢާމަތުގައި، ރާއްޖޭގެ ތަރައްޤީއަށް އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމުގައި ޗައިނާ ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން އިޤްތިޞާދީ ވަޒީރު ވަނީ ހައިކެން ގްރޫޕް ޕްރޮޑަކްޓް އެގްޒިބިޝަން ހޯލަށް ޒިޔާރަތްކުރައްވައި، ހައިނާން ސްޓޭޓް ފާމްސް އިންވެސްޓްމަންޓް ހޯލްޑިންގ ގްރޫޕުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މެންގް ޝިއާއޯލިއަންގް އަދި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ އިތުރުން ދިވެހިރާއްޖެއިން ހައިނާންއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުންނެވެ.








