








ކުކުޅު ބިސް ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެއްވެސް ކޮންޓްރޯލެއް ނެތި މިހާރުވެސް ކުކުޅުބިސް ވިއްކަމުން އަންނަކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހާމަކޮށްފި އެވެ.
ރާއްޖެއިން ކުކުޅު ބިސް ހުސްވެފައިވާކަމަށާއި، ބިސް ވިއްކަނީ ކޮންޓްރޯލްކޮށްގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތައް ދޮގުކޮށް އެސްޓީއޯއިން ބުނީ، ބިސްލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، އެއްވެސް ކޮންޓްރޯލެއް ނެތި މިހާރުވެސް ބިސް ވިއްކަމުން އަންނަ ކަމަށެވެ.
އެސްޓީއޯއިން އަންނަނީ ބިހުގެ އިތުރު ޝިޕްމަންޓްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއްވެސް ދަތިކަމެއް ނެތި ބިސް ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.
މި ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ 23 ބާވަތުގެ ތެރޭގައި ކުކުޅުބިސް ހިމެެނެ އެވެ. އަސާސީ ކާބޯތަކެތި ރާއްޖޭން ލިބޭކަން ކަށަވަރުކުރުމުގެ ގޮތުން، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




