








-
ހދ. ނެއްލައިދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ރަށަށް ގެންދިޔަ 600 ކިލޯވޮޓްގެ އައު ޖެންސެޓް އިންސްޓޯލްކޮށް، ރަސްމީކޮށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާއެކު، ނެއްލައިދޫގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން މިހާރު ވަނީ 1,200 ކިލޯވޮޓަށް އިތުރުކުރެވިފައެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ބައެކެވެ.
މި އައު ޖެންސެޓާއެކު، ނެއްލައިދޫގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.




