








އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ސެގްމަންޓް 1ގެ ސަބްގްރޭޑް މަރާމާތު ކުރުމުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފި އެވެ.
އެމްޓީސީސީން ބުނީ، ސެގްމެންޓް 1 ގެ ސަބްގްރޭޑް މަރާމާތު ކުރުމުގެ 90 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށެވެ. އަދި ސްބްގްރޭޑް ކުރުމުގެ ބާކީ މަސައްކަތްތައްވެސް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތް ނިންމުމާއެކު ތާރު އަޅަން ތައްޔާރުވުމުގެ ގޮތުން އަޅަންޖެހޭ އޭބީސީ ފަށަލަ އަޅަން ފަށާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އަމީނީ މަގު އަލުން މަރާމަތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފެށީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އަމީނީ މަގު މަރާމާތު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ. މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.








