


%20(3).jpeg?w=3840&q=75)




Screenshot 2022-10-12 at 18.25.13
ނޭޕާލްގެ ހުޅަނގު ގެ ސަރަހައްދުތަކުގައި މިދިޔަ ހަފްތާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 33 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ހުޅަނގު އުތުރުގެ ކަރްނާލީ ޕްރޮވިންސަށް ކަމަށާއި، އެ ޕްރޮވިންސްގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ޕްރޮވިންސްގެ އެކި ކަންކޮޅުތަކުން 22 މީހަކު އަދިވެސް ނުފެންނައިރު އިތުރު އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ގެއްލުންތަކުގައި އަނިޔާވެފައިވާ މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ މެދުނުކެނޑި ވާރޭ ވެހެމުންދާތީ މީހުން ސަލާމަތް ކުރުމަށްވެސް ދަތިތަކެއް ހުރި ކަމަށް ބުނެފައެވެ. ނަމަވެސް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެމީހުން ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ނުހުއްޓި ކުރެވޭތޯ ބަލަމުންނެވެ.
ގެއްލުނު މީހުންގެ ގިނަ ރިޕޯޓްތައް އައިސްފައިވަނީ އަތިރިމަތީ އޮންނަ ކަލިކޮޓް ޑިސްޓްރިކްޓުންނެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު ތައް ދީފައިވާތީ ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.
ނޭޕާލްގެ އިމަޖެންސީ އިދާރާތަކުން ބުނި ގޮތުގައި އެ ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގައި ކަރްނާލީ ކޯރު 12 މީޓަރު (39 ފޫޓު) އަށް ވުރެ މައްޗަށް އެރި އެވެ.



%20(3).jpeg?w=3840&q=75)




