








-
ޅ. ފެލިވަރުގައި އަލަށް ޤާއިމުކުރަމުންދާ 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައްލަވާލައްވައިފިއެވެ.
ވަޒީރު ފެލިވަރަށް ކުރެއްވި މި ދަތުރުފުޅުގައި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޝްރީ ޖީ. ބާލަސުބްރަމާނިޔަން އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ މުޙައްމަދު އަނަސްގެ އިތުރުން ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒުން މަޢުލޫމާތު ދެއްވި ގޮތުގައި، ފެލިވަރުގައި ކުރިއަށް ގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ މަސްވެރި ސިނާޢަތުގައި ހުރި ޖާގައިގެ ދަތިކަމާއި ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި ހިންގާ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު މަޝްރޫޢެކެވެ.
މިއީ އިންޑިއަން ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ) ގެ ދަށުން އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މި މަޝްރޫޢުގެ އެންމެހައި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، މިއަހަރުގެ މަސްވެރިންގެ ދުވަހަށް މަސައްކަތް އެއްކޮށް ނިންމައި މަސްވެރިންނަށް ރަސްމީކޮށް މި ޚިދުމަތް ފޯރުކޮށްދޭން ފެށުމެވެ.




