








-
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޢަބްދުﷲ ޔާސިރު އައްޔަންކުރައްވައިފިއެވެ.
ޢަބްދުﷲ ޔާސިރަކީ ފަތުރުވެރިކަމާއި، ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ދާއިރާއިން 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ އަގުހުރި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގެ އިތުރުން، ލަގްޒަރީ ހޮސްޕިޓާލިޓީ ބޯޑުތަކުގައާއި އަމިއްލަ ވިޔަފާރިތަކުގެ ލީޑަޝިޕްގައިވެސް ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
1993 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ފެއްޓެވި ޔާސިރު ވަނީ، ޖެނެރަލް މެނޭޖަރު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަދި ފްރަންޓް އޮފީސް މެނޭޖަރު ފަދަ އޮޕަރޭޝަނަލް އަދި މެނޭޖްމަންޓް އެކި އިސް މަޤާމުތައް ފުރުއްވާފައެވެ. މީގެއިތުރުން، 2002 އިން 2008 އަށް ވަން އެންޑް އޮންލީ ކަނުހުރާގެ ޑިރެކްޓަރެއްގެ ގޮތުގައި އެ ރިސޯޓުގެ ސްޓްރެޓީޖިކް ޕްލޭނިންގ އަދި ގަވަނަންސްގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާއިރު، 2010 ވަނަ އަހަރުން ފެށިގެން ސުޕަރސަޕްލައި އެންޑް ވޯޓާމާކްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު ޕޯރޯސް ލައިވް ޕްރޮޖެކްޓްގައި ބައިވެރިވެވަޑައިގެން، ފަތުރުވެރިކަމުގެ ވާދަވެރިކަން އިތުރުކުރުމަށް ބޭނުންވާ މާކެޓް އެސެސްމަންޓާއި ސްޓްރެޓީޖިކް ލަފާތައް ފޯރުކޮށްދެއްވާފައިވާ ޔާސިރު މިހާރުވެސް ގެންދަވަނީ އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމު އަދާކުރައްވަމުންނެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޢަބްދުﷲ ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ އޮފް އާޓްސް އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލަރ އޮފް އާޓްސް (އޮނާސް) ޙާޞިލުކުރައްވާފައެވެ.




