


.jpeg?w=3840&q=75)




'ހައު ޓު ލޫޒް އަ ގާއި އިން 10 ޑޭސް'
2003 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ރޮމޭންޓިކް ކޮމެޑީ 'ހައު ޓު ލޫޒް އަ ގާއި އިން 10 ޑޭސް' ގެ ސީކުއެލް ހަދަން ނިންމައި، އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މި އައު ފިލްމު ޕްރޮޑިއުސްކުރުމުގައި ފުރަތަމަ ފިލްމުގެ ލީޑް ބަތަލާ ކޭޓް ހަޑްސަން އިސް ދައުރެއް އަދާކުރާނެއެވެ.
މީގެ 20 އަކަށް އަހަރު ކުރިން ނެރުނު މި ކާމިޔާބު ފިލްމުގައި ކޭޓް ހަޑްސަން އާއެކު ލީޑް ރޯލު ކުޅެފައިވަނީ މަޝްހޫރު އެކްޓަރ މެތިއު މެކޮނަހޭ އެވެ. އެންޑީ އެންޑަރސަން (ކޭޓް) އަދި ބެންޖަމިން ބެރީ (މެތިއު) ގެ މަޖާ އަދި ލޯބީގެ ވާހަކަ ގެނެސްދިން މި ފިލްމަކީ މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ. ދެވަނަ ބައެއް ހަދާކަން ކަށަވަރުވުމާއެކު، ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު އުފާވެރިކަމެއް އުފެދިފައެވެ.
ރިޕޯޓުތައް ބުނާގޮތުން، ކޭޓް ހަޑްސަން މި ފިލްމު ޕްރޮޑިއުސްކުރި ނަމަވެސް، ފުރަތަމަ ފިލްމެކޭ އެއްފަދައިން އޭނާ އާއި މެތިއު ލީޑް ރޯލުން ފެނިގެންދާނެކަން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް، ދެތަރިންވެސް މީގެ ކުރިން ދީފައިވާ އިންޓަވިއުތަކުގައި، ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ މި ފިލްމުގެ ދެވަނަ ބަޔަކުން ފެނުމަށް ޝައުޤުވެރިވާކަން ވަނީ ހާމަކޮށްފައެވެ. ޚާއްޞަކޮށް އެންޑީ އާއި ބެންޖަމިންގެ ގުޅުން މިހާރު އޮންނާނީ ކިހިނެއްތޯ ބަލައިލަން ބޭނުންވާކަމަށް އެތަރިން ވަނީ ބުނެފައެވެ.
މި ސީކުއެލްގެ ވާހަކަ އެނބުރޭނެ ގޮތެއް އަދި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ފަދަ އިތުރު ތަފްސީލުތައް އުފެއްދުންތެރިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، ކުރީގެ މަޝްހޫރު ރޮމް-ކޮމް ފިލްމުތައް އަލުން ގެނެސްދިނުމަކީ މިހާރު ހޮލީވުޑްގައި ވަރަށް އާންމު ކަމަކަށް ވެފައިވާއިރު، މިއީ ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރުކުރާނެ ފިލްމަކަށް ވާނެކަން ޔަގީނެވެ.



.jpeg?w=3840&q=75)
