
މަރިސްކާ ހާގިޓޭ
'ލޯ އެންޑް އޯޑަރ: އެސްވީޔޫ' ގެ މަޝްހޫރު ތަރި މަރިސްކާ ހާގިޓޭ، 2026 ވަނަ އަހަރުގެ 78 ވަނަ އެމީ އެވޯޑްސް ހޯސްޓްކުރާ ގޮތަށް ރަސްމީކޮށް ހަމަޖެހިއްޖެއެވެ.
މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައި މި ޝަރަފުވެރި އެވޯޑު ޝޯ ހޯސްޓްކުރުމުގެ ފުރުސަތު އަންހެނަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2011 ވަނަ އަހަރު މި ޝޯ ހޯސްޓްކޮށްފައިވަނީ ކުޅަދާނަ އެކްޓްރެސް ޖޭން ލިންޗް އެވެ.
މަރިސްކާ ދިން ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ ޓީވީ ނެޓްވޯކް ކަމަށްވާ 'އެންބީސީ' ގެ 100 ވަނަ އަހަރީ ދުވަހާ ގުޅިގެން މި ޝޯ ހޯސްޓްކުރަން ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.
މީގެ އިތުރުން، ރިޕޯޓުތަކާ ހަވާލާދީމީޑިއާތަކުން ބުނެފައިވަނީ، އުމުރުން 62 އަހަރުގެ މަރިސްކާ އޭނާގެ އެންމެ ކާމިޔާބު ޝޯ ކަމަށްވާ 'އެސްވީޔޫ' އިން ވަކިވުމުގެ އެއްވެސް ޚިޔާލެއް އަދި ނެތް ކަމަށެވެ. މި ޝޯގެ 28 ވަނަ ސީޒަން ކުރިއަށް އޮތް އޮކްޓޯބަރު މަހު ފަށަން ހަމަޖެހިފައިވާއިރު، މިއާއެކު ޝޯގެ 600 ވަނަ އެޕިސޯޑު ފުރިހަމަވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޝޯގެ ކުރީގެ ތަރި ކްރިސްޓޮފަރ މެލޯނީ (އެލިއޮޓް ސްޓެބްލަރ) އަނބުރާ ޝޯއަށް އައުމަކީ އޭނާ ވަރަށް ބޮޑަށް އުންމީދުކުރާ ކަމެއް ކަމަށްވެސް މަރިސްކާ ވަނީ އިންޓަވިއުގައި ބުނެފައެވެ.
78 ވަނަ އެމީ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.










%20(1).jpeg?w=3840&q=75)

