
މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ޓިމްބަރލޭކް އާއި އޭނާގެ އަންހެނުން، ޖެސިކާ ބީލްގެ ހަގު ދަރިފުޅު ފިނިއަސް ގޮލްފް ކުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ.
ޖަސްޓިންގެ އިންސްޓަގްރާމްގައި "ބީން އައުޓްސައިޑް" މި ކެޕްޝަނާއެކު ހިއްސާކޮށްފައިވާ ފޮޓޯތަކުން، އޭނާ އާއިލާއާއެކު ގުދުރަތީ ރީތި މާހައުލެއްގައި ވަގުތު ހޭދަކުރާ އުފާވެރި މަންޒަރުތައް ފެނިގެންދެއެވެ.
މި ފޮޓޯތަކުގެ ތެރެއިން ފޭނުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ، ގޮލްފް ކުޅޭ ދަނޑެއްގައި ކުޑަކުޑަ ފިނިއަސް ގޮލްފް ކްލަބެއް ހިފައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯއަށެވެ.
މީގެ އިތުރުން މި ފޮޓޯތަކުގެ ތެރޭގައި، ޖެސިކާ މަހެއް ބާނައިގެން އުފަލުން ހިނިތުންވެފައި ހުންނަ މަންޒަރާއި، އެމީހުންގެ ދޮށީ ދަރިފުޅު ސައިލަސްގެ ފޮޓޯއެއްވެސް ހިމެނެއެވެ.
ޖަސްޓިން އާއި ޖެސިކާ އަކީ އާންމުކޮށް އެމީހުންގެ ދަރިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރާ ބައެއް ނޫނެވެ. އަދި ދަރިންގެ ޕްރައިވެސީ ހިފެހެއްޓުމަށް އެމީހުން ވަރަށް ބޮޑަށް އިސްކަންދެއެވެ. އެހެންކަމުން މިއީ ސަޕޯޓަރުންނަށް ފެނިގެންދިޔަ ވަރަށް ޚާއްޞަ ފޮޓޯތަކަކަށް ވަނީ ވެފައެވެ.
ޖަސްޓިންގެ "ފޮގެޓް ޓުމޯރޯ" ވޯލްޑް ޓުއަރގެ ބުރަ މަސައްކަތްތަކުގެ ތެރެއިންވެސް، އޭނާ އާއިލާއަށް ވަގުތު ހުސްކުރާކަން މި ފޮޓޯތަކުން ހާމަވެގެންދެއެވެ.
އަދި ފާއިތުވި މަސްތަކުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މި ދެމަފިރިންގެ ގުޅުން ވަރަށް ބަދަހިކަންމެ މި އުފާވެރި ފޮޓޯތަކުން ސާބިތުކޮށްދޭ ކަމަށް ސަޕޯޓަރުން ބުނެއެވެ.
















