



.jpeg?w=3840&q=75)



-
އައިޖީއެމްއެޗް ހޮސްޕިޓަލުގެ ކޮރިޑޯއިން ހިނގާފައި ދިޔަ އާލިޔާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ވަރުބަލިކަމެވެ. އޭނާގެ ދިގު ޝިފްޓް ނިމެން ގާތްވެފައިވަނިކޮށް، ކުއްލިއަކަށް އިމަރޖެންސީއަށް ގެނެވުނު ކޭސްއަކާއެކު އޭނާ އަނެއްކާވެސް ތައްޔާރުވާންޖެހުނީ ތިއޭޓަރަށް ވަންނާށެވެ.
ޖީބުގައި އޮތް ފޯނު ވައިބްރޭޓްވުމާއެކު އާލިޔާ ނަގައި ބަލާލިއެވެ. އެއީ އޭނާގެ ލޯބިވެރިޔާ، ޒަޔާންގެ މެސެޖެކެވެ.
'މިރޭގެ ފްލައިޓް ނިންމާފައި މާލެ އާދެވޭނީ 7 ޖަހާއިރު. ކޮފީއަކަށް ދާން ހިނގާ؟'
އާލިޔާ ދެރަވެފައިވާ ހާލު ޖަވާބު ލިޔެލިއެވެ. 'ޒަޔާން، ސޮރީ. އިމަރޖެންސީ ސަރޖަރީއެއް އެއައީ ހަމަ ދެންމެ. ނޭނގެ ނިމޭނެ އިރެއްވެސް. ހިނގާ ކޮންމެސް އެހެން އިރަކުން މީޓްވާން ދޯ. ލަވް ޔޫ!.'
ފޯނު ޖީބަށް ލުމަށްފަހު އާލިޔާ ސަރޖަރީއަށް ވަނެވެ. ދެމީހުންގެ ދިގު ލޯބީގެ ހަޔާތުގައި މިއީ އާންމު ކަމެކެވެ. ޒަޔާން ސީޕްލޭން ދުއްވަން އެކި ސަރަހައްދުތަކުގައި އުޅޭއިރު، އާލިޔާ އުޅެނީ ހޮސްޕިޓަލުގެ ބުރަ ދިރިއުޅުމުގައެވެ. ދެމީހުންގެ މެދުގައި ވަނީ ސާފު، އަދި އިތުބާރު ބޮޑު ގުޅުމެކެވެ. ނަމަވެސް، އެކުގައި ހޭދަކުރާނެ ވަގުތު މަދުވުމުގެ ހުސްކަން ދެމީހުންގެ ހިތުގައިވެސް އޮވެއެވެ.
އޭގެ އިރުކޮޅެއް ފަހުން، މާކަނޑުގެ މަތިން އުދުހެމުންދިޔަ ސީޕްލޭންގެ ކޮކްޕިޓްގައި އިނދެ ޒަޔާން ބޭރު ބަލާލިއެވެ. ކުއްލިއަކަށް އުޑުމަތި ބަނަކޮށްލައި، ގަދަޔަށް ވައިޖެހެން ފެށިއެވެ. ބޯ ވާރޭގެ ތިކިތައް ސީޕްލޭންގެ ބިއްލޫރިގަނޑުގައި ޖެހެމުންދިޔައީ ބާރު އަޑާއެކުގައެވެ.
"ޒަޔާން! މޫސުން އެއޮށް ވަރަށް ބޮޑަށް ގޯސްވަނީ. މާލެއަށް އެނބުރި ހިއެއް ނުވެ އެއްނުން ދެވޭނެ ހެނެއްވެސް. މި ސަރަހައްދުގެ ކަނޑުވެސް ވަރަށް ގަދަ،" ކޯ-ޕައިލެޓް ކަންބޮޑުވެފައި ބުންޏެވެ.
"އެންމެ ކައިރީގައި އޮތީ ކޮން ރިސޯޓެއް؟" ޒަޔާން ކޮންޓްރޯލްތަކުގައި ހިފަހައްޓައިގެން ހުރެ އެހިއެވެ.
"އެޒޫރް ބްލޫ ރިސޯޓް. ހިނގާ އެތަނަށް ލޭންޑް ކުރަން ބަލަމާ،"
ޒަޔާން އޭނާގެ ކުޅަދާނަކަމާއެކު، ބޯ ވާރޭގެ ތެރެއިން ސީޕްލޭން އެޒޫރް ބްލޫ ރިސޯޓުގެ ފަޅުތެރެއަށް ތިރިކޮށްލިއެވެ. ގެސްޓުން ސަލާމަތުން ޖެޓީއަށް ބޭލުމަށްފަހު، މޫސުން ރަނގަޅުވަންދެން އެ ރިސޯޓުގައި މަޑުކުރަން ނިންމިއެވެ.
ވެހެމުން ދިޔަ ބޯ ވާރޭއިން ސަލާމަތްވާން ޒަޔާން ދުވެފައި ގޮސް ރިސޯޓުގެ މައި ލައުންޖަށް ވަނެވެ. އޭނާ ތެމިފައި ހުރި ޔުނީފޯމް ފޮޅާލަން ހުއްޓައި، ކައިރީގައި އިން މޭޒެއްގެ ދޮށުން ކެމެރާއެއްގެ ފްލޭޝް އަލި އޭނާގެ މޫނަށް އަޅުވާލިއެވެ.
ޒަޔާން ބަލާލިއިރު، އެތަނުގައި އިނީ ކެމެރާއެއް ހިފައިގެން އިން ޒުވާން އަންހެން ކުއްޖެކެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.
"އެ މަންޒަރު ވަރަށް ފުރިހަމަ. ވާރޭގެ ތެރެއިން ސަލާމަތްވެގެން އައި ޕައިލެޓެއް،" އޭނާ ކެމެރާގެ ސްކްރީނަށް ބަލަމުން ބުންޏެވެ. "އަހަންނަކީ ޔާނާ. މި ރިސޯޓުގެ ފޮޓޯގްރާފަރ."
ޒަޔާން ހިނިތުންވެލިއެވެ. "އަހަންނަކީ ޒަޔާން. މޫސުން ގޯސްވެގެން ތާށިވި ޕައިލެޓް."
"މިރޭ މި ވިއްސާރަ އަލިކުރާނެހެންނެއް ހީއެއްނުވޭ،" ޔާނާ އޭނާގެ ކެމެރާ ދަބަހަށްލަމުން ބުންޏެވެ. "ހިނގާ އަހަންނާ އެއްކޮށް ކޮފީއެއް ބޯލަން؟"
ޒަޔާން މަޑުޖެހިލިއެވެ. މާލޭގައި އޭނާގެ ލޯބިވެރިޔާ އާލިޔާ އެހެރީ ބުރަ މަސައްކަތުގައެވެ. ނަމަވެސް މި ރިސޯޓުގައި އޭނާ ހުރީ އެކަނިވެފައެވެ.
މި ވާހަކައިގެ ދެވަނަ ގެނެސްދޭނީ އަންނަ ހުކުރު ދުވަހު އެވެ.