

.jpeg?w=3840&q=75)




ރާއްޖޭގެ އެކި ރަށްރަށުގެ ރުއްތަކަށް ގެއްލުންދެމުންދާ ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރުމަށް ބޭނުންކުރާ ޕެސްޓިސައިޑް މިހާތަނަށް 38 ރަށަކަށް ފޯރުކޮށްދީފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ރުކުމަޑި އަދި ހުދު ކޫޑީގެ މައްސަލަ ދިމާވެފައިވާ ރަށްރަށަށް ޕެސްޓިސައިޑް ބޭނުންވާނަމަ އެކަން އެ ވުޒާރާއަށް އެންގުމަށް އެދި ކައުންސިލްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 62 ރަށަކުން މި ތަކެތި ހޯދުމަށް އެދި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 38 ރަށަކަށް ޕެސްޓިސައިޑް ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ވުޒާރާއިން ބުނީ، ހއ، ހދ، އަދި ށ، އަތޮޅުގެ ރަށްރަށުން ޕެސްޓިސައިޑް ބޭނުންވާނަމަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ދިއުމުން ލިބޭނެކަމަށެވެ. އަދި ބާކީ ހުރި އަތޮޅުތަކުން ޕެސްޓިސައިޑް ބޭނުންވާނަމަ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދޫކުރަމުންދާނެ ކަމަށެވެ.
ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ކުދި ރުކުމަޑި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. މި ބާވަތުގެ މަޑިއަކީ ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް، ރުއްތަކުގެ ހެދިބޮޑުވުމަށް ބޮޑެތި ހުރަސްތަކެއް އަޅާ ގެއްލުންދެނިވި ސޫތްޕެކެވެ.
ރާއްޖޭގައި މި މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ހާއްސަ އިސްކަމެއް ދީގެން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި ކުރެވުނު ދިރާސާތަކުން ވަނީ ރުކުމަޑި ގުދުރަތީ ގޮތުން ނައްތާލާ ސޫތްޕެއް (ބަޔޮލޮޖިކަލް ކޮންޓްރޯލް އެޖެންޓެއް) ހޯދާފައެވެ.
މި މަސައްކަތުގެ ދަށުން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި "ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" މިހާރު ވަނީ ޤާއިމުކޮށް މަސައްކަތް ފަށާފައެވެ. މި ސެންޓަރުގައި ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ކަަމަށް ވުޒާރާއިން ބުނެފައިވެއެވެ.


.jpeg?w=3840&q=75)
