
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި 'ކެޕްޓަން އެމެރިކާ' ގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިސް އިވާންސް، އޭނާގެ ކުޑަކުޑަ އަންހެން ދަރިފުޅު އަލްމާ ގްރޭސްގެ ވާހަކަތައް ސަޕޯޓަރުންނާ ހިއްސާކޮށްފިއެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި، އުމުރުން 45 އަހަރުގެ ކްރިސް ވަނީ ބައްޕައަކަށް ވުމަށްފަހު އޭނާއަށް ކުރެވުނު އެންމެ ތަފާތު އަދި އުންމީދުނުކުރާ ތަޖުރިބާ ކިޔައިދީފައެވެ.
ކްރިސް ބުނި ގޮތުގައި އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ދަރިފުޅާ ދުރުގައި ހުންނަން ޖެހޭ މަދު ވަގުތުކޮޅުގައިވެސް ދަރިުފުޅ މަތިން ހަނދާންވާ މިންވަރުންނެވެ.
"އެހެން މީހުންނަށް މިއީ އާދައިގެ ކަމެއްހެން ހީވެދާނެ. އެކަމަކު އެންމެ ބޮޑު ސަޕްރައިޒަކީ ދަރިފުޅު މަތިން ހަނދާންވާ މިންވަރު. ދަރިފުޅު ނިންދަވާފައި ބާއްވާ ގަޑީގައިވެސް ބޭނުންވަނީ ބޭބީ މޮނިޓަރުން ދަރިފުޅު އޮތް ގޮތް ބަލަން،" ކްރިސް އުފަލާއެކު ކިޔައިދިނެވެ.
މީގެ އިތުރުން ކްރިސް ވަނީ އޭނާގެ ގޭގައި ގެންގުޅޭ ކުއްތާ، 'ޑޮޖަރ' ދަރިފުޅާމެދު ބަހައްޓާ ގާތްކަމުގެ ވާހަކަވެސް ހިއްސާކޮށްފައެވެ. 10 އަހަރަށްވުރެ ގިނަ ދުވަސްވީ މި ކުއްތާ އަކީ ދަރިފުޅު ރައްކާތެރިކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރަމުން ކްރިސް ބުނީ، ދަރިފުޅު ނިދާ ގަޑީގައި ޑޮޖަރ އޮންނާނީ ކޮޓަރީގެ ދޮރުމަތީގައި ފާރައަށް ކަމަށެވެ.
ކްރިސް އާއި އޭނާގެ އަންހެނުން އަލްބާ އަށް ފުރަތަމަ ދަރިފުޅު އަލްމާ ލިބުނީ 2025 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
ބައްޕައަކަށް ވުމަށްފަހު ފިލްމީ މަސައްކަތްތަކަށްވުރެ އާއިލާއަށް ވަގުތު ދިނުމަށް ކްރިސް މިހާރު ވަރަށް ބޮޑަށް އިސްކަންދޭކަން ފާހަގަކޮށްލެވެއެވެ.












