

.jpeg?w=3840&q=75)





-
މ. ދިއްގަރުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން 360 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އެ ރަށަށް ގެންގޮސް، ކޮމިޝަންކޮށްފި އެވެ.
ދިއްގަރުގެ ކަރަންޓުގެ ހިދުމަތައި ދެމުން އަންނަ ސްޓެލްކޯއިން ހާމަކުރި ގޮތުގައި މި އައު ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާއެކު، ދިއްގަރުގެ ކަރަންޓު ޖެނެރޭޝަން ކެޕޭސިޓީ އިތުރުވެ، އިތުބާރުހުރި ފެންވަރެއްގައި ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ މަގުފަހިވެގެން ގޮސްފައެވެ.
މީގެ ސަބަބުން ރަށުގެ ކަރަންޓު ނެޓްވޯކް އިތުރަށް ވަރުގަދަވެ، ދިއްގަރުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް މިކަމުގެ ފަސޭހައާއި ލުއި ލިބިގެންދާނެއެވެ.
ސަރުކާރުގެ ބައެއް ކުންފުނިތައް ކޮޅަށްޖަހައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ހަރުދަނާ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ 8 ރަށަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކުރީ މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މި ބަދަލާއެކު ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުވެގެންދިޔަ ރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.
ފެނަކައިގެ ދަށުން ހިންގަމުންދިޔަ ބައެއް ސަރަޙައްދުތަކުގެ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރަމުންދަނީ ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ކުންފުނިތަކުގެ ހިންގުން ބަދަލުކުރުމަށް ފެށި ބޮޑު އިޞްލާޙީ އެޖެންޑާގެ ދަށުންނެވެ. އެގޮތުން ފެނަކައިން ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް ރާއްޖޭގެ 3 އަތޮޅެއްގެ ރަށްތަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ދިނުމުގެ ބޮޑު ޒިންމާ ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފައެވެ. މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ ދަށުން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް މެދުނުކެނޑި، އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. މ. އަތޮޅުގެ ރަށްތަކުގެ ޕަވަރހައުސްތަކުގެ ހިންގުން ބަދަލުކޮށް، އައު ވަސީލަތްތައް ޤާއިމުކުރަން ފެށުމާއެކު، ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބި، ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް މަތިވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ޔަޤީންކަން ދީފައެވެ.


.jpeg?w=3840&q=75)




