








މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު މުނައްވަރު
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ބޭންކުތަކަށް މާރުކުރުން ލާޒިމުކުރާ މިންވަރު އާމްދަނީގެ 20 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ބޭރުފައިސާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއެކު ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވީ، ބޭރުފައިސާ ރެގިއުލޭޓްކޮށް ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓުކުރުމަށް ބޭނުންވާ ބޭރު ފައިސާ ނުލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ބޭރުފައިސާގެ ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ، އެމްއެމްއޭގެ އަބަދުވެސް ތަސައްވުރަކީ ރާއްޖޭގައި ވިއްކާ މުދަލާއި ހިދުމަތަށް އަގު ނަގަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށެވެ. މިއީ މިއަދުގެ ތަސައްވުރެއްނޫން ކަމަށާއި، މިއީ ކުރީގެ ގަވަނަރުންކަމަށްވާ އަލީ ހާޝިމާއި، އަޒީމާއާއި ނަސީރުގެ އިތުރަށް ޑރ.ފަޒީލު ނަޖީބުވެސް ގެންގުޅުއްވި ތަސައްވުރުކަން މުނައްވަރު ފާހަގަކުރެއްވިއެވެ.
މުނައްވަރު ވިދާޅުވީ، ނިމުނު އެމްޑީޕީ ސަރުކާރުގައިވެސް ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް އާމްދަނީގެ 60 އިންސައްތަ މާރުކުރުން ލާޒިމްކުރަން ނިންމާފައިވާ ކަމަށެވެ. އެކަން އޭރު ނިންމި ނަމަވެސް އެކަން ތަންފީޒުކުރެވިފައި ނުވާކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި މިހާރުވެސް މަސައްކަތް ކުރަމުންދަނީ އެ އަމާޒަށް ކަމަށާއި، މިހާރު ބޭރުފައިސާގެ ގާނުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރުން ލާޒިމްކޮށްފައިވާ 20 އިންސައްތަ 40 އިންސައްތައަށް ބޮޑުކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި ބަދަލުގެ އިތުރަށް މިހާރު ގާނޫނުގައި ބޭރު ފައިސާ މާރުކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި އޮތް އޮތުމުގެ ބަދަލުގައި ކޮންމެ މަހަކުވެސް ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާނެ ކަމަށް ގަވަނަރު ވިދާޅުވިއެވެ.
މީގެ އިތުރުން ގާނޫނުގައި ޑޮލަރު ބޭނުންކުރެވޭނެ ހާލަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ބައެއް ޕޭމެންޓުތައް ޑޮލަރުން ހެދުން ހިމެނޭތީ އެގޮތަށް ޑޮލަރުން ހަދާ ޕޭމެންޓުތަކަކީ ކޮބައިކަން މަރުކަޒީ ބޭންކާ ހިއްސާކުރުން ލާޒިމުވާނެ ގޮތަށް ގެންނަ އިސްލާހުކަމަށް މުނައްވަރު ވިދާޅުވިއެވެ.
މިބަދަލުތަކާއެކު ބޭރުފައިސާ އިތުރަށް ރެގިއުލޭޓް ކުރެވި، ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓުކުރުމަށް ބޭނުންވާ ބޭރު ފައިސާ ނުލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އިތުރަށް ބާރުލިބިގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.








