








ދާރުއްނޫރު ވަޤުފް- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކީރިތި ޤުރްއާނާއި ބެހޭ ވަޤުފް ބިލްޑިންގް "ދާރުއްނޫރު" މަޝްރޫއު އިފްތިތާހްކޮށްފި އެވެ.
މި މަޝްރޫއު އިފްތިތާހްކޮށް އިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ ސަރުކާރަށް 156 ހަފްތާ ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގަ އެވެ.
ކީރިތި ޤުރުއާނަށް ހާއްސަ ވަޤުފް އިމާރާތުން ލިބޭ ނަފާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށެވެ. މިއީ ވަޤުފްގެ ދާއިރާ ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.
15 ބުރީގެ މި އިމާރާތުގައި އޮފީސް ބަޔާއި، ކޮމާޝިއަލް އޭރިއާތަކާއި، ހޯލްއާއި، މީޓިންގ ރޫމްތަކާއި، ލައިބްރަރީގެ އިތުރުން ރެސްޓޯރެންޓު ފަދަ ތަންތަން ހިމެނޭ އިމާރާތެކެވެ. އަދި މި އިމާރާތް ފަރުމާކޮށްފައިވަނީ މުޅި އިމާރާތުން ނަފާ ލިބޭނެ ގޮތަށެވެ.
މި މަޝްރޫއުއަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާއިރު މަޝްރޫއުގެ އަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާއިން އަންނަނީ މިހާރު ކުރަމުންނެވެ.
މި މަޝްރޫއުގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު ދެ ވަޤްފު އިމާރާތެއްގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފަ އެވެ. އެއީ ދާރުލްއަރްޤަމްއާއި ދާރުއްސަލާމް ވަޤްފު މަޝްރޫއު އެވެ. މި މަޝްރޫއުތައް ނިމުމުން ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދާ ވަރަށް ވުޒާރާއަށް ނަފާ ލިބޭނެކަމަށް އަންދާޒާ ކުރެވެ އެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެއްކަންވެސް ފާހަގަކޮށްލެވެ އެވެ.




