
.png?w=3840&q=75)
.jpg?w=3840&q=75)
.png?w=3840&q=75)




.png?w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ސަރުކާރުން ވަނީ އިޤްތިޞާދީ، އިޖުތިމާޢީ އަދި ޚާރިޖީ ދާއިރާތަކުން މުހިންމު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރުން ޙާޞިލުކުރި ކަންކަމާއި، ކުރިމަތިވި ގޮންޖެހުންތަކާއި އަދި ކުރިމަގަށް އެކަށައަޅާފައިވާ ޕްލޭންތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ތަފާތު ނަޒަރިއްޔާތުތަކުން ވާހަކަދައްކައެވެ.
ސަރުކާރުގެ ރަސްމީ ބަޔާންތަކުގައިވާ ގޮތުން، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމެވެ. މިގޮތުން "ޕްރޯ މޯލްޑިވްސް" ސިޔާސަތުގެ ދަށުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވެ، އެކަން ހަމަޖެހިގެން ދިޔުމަކީ ސަރުކާރުން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރާ ކަމެކެވެ. މީގެއިތުރުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ތަޢާރަފުކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުނެވެ.
ސަރުކާރުގެ މާލީ ވުޒާރާއިންނާއި ރަސްމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ދަޢުލަތުގެ ދަރަނި އަދާކުރުމަށާއި، ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ މުހިންމު އިޞްލާޙީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އޭގެ ތެރޭގައި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއި، ދައުލަތުގެ ކުންފުނިތައް (އެސް.އޯ.އީ) އިޞްލާޙުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި ބޭރު ފައިސާއާ ބެހޭ އާ ޤަވާޢިދުތަކުގެ ޒަރީޢާއިން ބޭންކިންގ ނިޒާމަށް ވަންނަ ޑޮލަރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ.
މި ސިޔާސަތުތަކާ މެދު ވިޔަފާރިވެރިންނާއި އިޤްތިޞާދީ ބައެއް މާހިރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ޑޮލަރު މާރުކުރުމުގެ އާ އުޞޫލުތަކަކީ ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިއީ ދިގުމުއްދަތުގައި ޤައުމުގެ ފައިސާގެ އަގު ހިފެހެއްޓުމަށާއި، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ.
ގެދޮރުވެރިކަމުގެ މައްސަލައަކީ މި ސަރުކާރުގެ މައިގަނޑު ވަޢުދެކެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ފެށި މަޝްރޫޢަކީ "ރަސްމާލެ" ހިއްކުމުގެ މަޝްރޫޢެވެ. މީގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސް، ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މި މަޝްރޫޢުތަކާ ގުޅޭގޮތުން ތިމާވެށީގެ ޖަމްޢިއްޔާތަކުންނާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ބޮޑެތި ފަޅުތައް ހިއްކުމުން ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާއި، ދަޢުލަތުގެ ބަޖެޓަށް ކެތްނުވާ ވަރުގެ ބޮޑެތި ޚަރަދުތަކެއް ހިނގައިދާނެތީއެވެ. ނަމަވެސް، ސަރުކާރުން ބަޔާންކުރާ ގޮތުގައި މިއީ މާލެ ސަރަޙައްދުގެ އިތުރުން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ކޮންމެހެން މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން، އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި އެއާޕޯޓްތައް ތަރައްޤީކުރުމާއި، ބަނދަރު ހެދުމުގެ މަސައްކަތްތައް ވެސް ސަރުކާރުން ވަނީ ރާވާފައެވެ.
އިޖުތިމާޢީ ގޮތުން ދިވެހިވަންތަކަމާއި އިސްލާމީ އުޞޫލުތައް ދެމެހެއްޓުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. މިގޮތުން "ދިވެހި ޤައުމިއްޔަތު" އާލާކުރުމަށް ވަކި ވުޒާރާއެއް އުފައްދައި، ތާރީޚާއި ސަޤާފަތް ދިރުވުމުގެ ޕްރޮގްރާމްތައް ވަނީ ފަށާފައެވެ. އަދި ޞިއްޙީ ދާއިރާއިން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކުރުމާއި، އާސަންދަ ނިޒާމު އިޞްލާޙުކޮށް ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އެޅުނެވެ.އެހެންނަމަވެސް، އާސަންދައިގެ ޚިދުމަތަށް ގެނައި ބައެއް ބަދަލުތަކާ ގުޅިގެން ޢާންމު ރައްޔިތުންނަށް ކުރިމަތިވި ދަތިތަކާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ސަރުކާރުން މިކަމަށް ރައްދުދެމުން ހާމަކޮށްފައިވަނީ، މި ބަދަލުތަކުގެ މަޤްޞަދަކީ އިސްރާފު ކުޑަކޮށް، ޙައްޤުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ކަނޑުގެ ސަރަހައްދުގެ ދިފާޢީ ހައްޤުތައް ހޯދައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ފެށި މަސައްކަތްތަކަކީ ޤައުމީ މަސްލަހަތު ރައްކާތެރިކުރުމުގެ މުހިންމު ފިޔަވަޅެކެވެ . ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި އަލުން ހޯދުމަށްޓަކައި ޤާނޫނީ އަދި ފަންނީ ދިރާސާތައް ހަދައި، ބައިނަލްއަޤްވާމީ ކޯޓުތަކާއި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ސަރުކާރުން ފެށި މަސައްކަތަކީ ދިވެހިރާއްޖޭގެ ސިޔާދަތީ އިމުގެ ކަންކަމުގައި ދޫނުދޭނެކަން ސާބިތުކޮށްދިން ކަމެކެވެ .
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަމުގެ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޚާއްޞަ މަޝްރޫޢުތަކެއް ވަނީ އެކުލަވާލާފައެވެ . ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ފަޅުރަށްތަކާއި ބޮޑެތި ބިންތަކުގައި ދަނޑުވެރިކަން ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާބޯތަކެތި އުފެއްދުމާއި، ބޭރުގެ ވަކި މާކެޓަކަށް އެކަނި ބަރޯސާނުވެ އެހެން ޤައުމުތަކުން ކާބޯތަކެތީގެ ސަޕްލައި ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ .
ބޯހިޔާވަހިކަމަކީ އަސާސީ ޙައްޤެއްގެ އިތުރުން އިޖުތިމާޢީ ހަމަޖެހުމާއި ޤައުމީ މަސްލަހަތާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތައް ވަނީ ފަށާފައެވެ . ޚާއްޞަކޮށް ރަސްމާލެ މަޝްރޫޢާއި، ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްތައް އަވަސްކޮށް، އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ހައުސިންގ ޔުނިޓުތައް ބިނާކޮށް، ރައްޔިތުންނަށް ދިގު މުއްދަތަކަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލު ހޯދައިދިނުމަށް އިސްކަންދީފައިވެއެވެ .
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި މުހިންމު އިޞްލާޙީ ފިޔަވަޅުތަކެއް އަޅައި، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ . މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ރާއްޖޭގައި މަސް ޕްރޮސެސްކުރެވޭ މިންވަރު މަތިކުރުމާއި، ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ވަނީ ހިންގާފައެވެ . މީގެ ސަބަބުން ކަނޑުގެ ވަސީލަތްތަކުން ޤައުމަށް ލިބޭ ނަފާ އިތުރުވެ، އިޤްތިޞާދީ ގޮތުން ދިވެހިންގެ މަސްލަހަތު ރައްކާތެރިކުރެވިގެން ދިޔައެވެ.
ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ޚާއްޞަ ސްޓްރެޓީޖިކް ފިޔަވަޅުތަކެއް ވަނީ ތަންފީޒުކޮށްފައެވެ . އެގޮތުން، ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޤައުމީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކުރުމާއި، ބޭސް އެތެރެކުރުމުގައި ޔޫރަޕްގެ ފެންވަރު ރަނގަޅު ބޭސް ސީދާ އުފައްދާ ފަރާތްތަކުން ރާއްޖެއަށް ގެނައުމުގެ ނިޒާމު ޤާއިމުކޮށް، ސިއްޙީ ނިޒާމުގެ އިތުބާރު ބޮޑުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ޤާނޫނު ތަންފީޒުކުރުމާއި ޤައުމީ ސަލާމަތް ކަށަވަރުކުރުމުގެ ގޮތުން، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހަރުދަނާ ހައްލުތަކެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ . ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ފޭރާމަށް ބުރޫއަރާ މިންވަރަށް ބިދޭސީންގެ ކަންކަން ގޮސްފައި އޮތުމުން، ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމާއި ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ އަދި އުޅޭ ފަރާތްތައް ޤާނޫނުގެ އިމުގެ ތެރެއަށް ވެއްދުމުގެ އޮޕަރޭޝަންތައް ސަރުކާރުން ހިންގާފައިވެއެވެ.
ތިމާވެށީގެ ގޮތުން ނާޒުކު ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކުގައި ރާއްޖޭގެ އަޑު އުފުލުމާއެކު، އިޔާދަކުރަނިވި ހަކަތައިގެ ބޮޑެތި އަމާޒުތަކެއް ކަނޑައަޅާފައިވެއެވެ. ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ސޯލާ ހަކަތައިގެ މަޝްރޫޢުތައް ފުޅާކުރުމަކީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް، ބޭރު ފައިސާ ބޭރަށްދާ މިންވަރު ކުޑަކުރުމަށް އެޅުނު ޤައުމީ ފިޔަވަޅެކެވެ.
ޒުވާނުންނަކީ ޤައުމީ ތަރައްޤީގެ މައިބަދަ ކަމުގައި ދެކިގެން، ޒުވާނުންގެ ވިސްނުމާއި ހުނަރު އިޤްތިޞާދުގައި ބޭނުންކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ތަޢާރަފުކޮށްފައިވެއެވެ . ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް އިސްކަންދިނުމާއި، އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ފަންނީ ތަޢުލީމާއި ވިޔަފާރި ފެށުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ޤައުމުގެ ކުރިމަގު ބިނާކުރުމަށްޓަކައި ކުރެވުނު މުހިންމު ޤައުމީ މަސައްކަތްތަކެކެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ކުރިމަގުގެ ތަޞައްވުރަށް ބަލާއިރު، އިޤްތިޞާދު ސިންދަފާތު (ޑައިވަރސިފައި) ކުރުމާއި، ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުން ހިމެނެއެވެ. އަދި ބަންކަރިންގ ޚިދުމަތް ފަދަ އައު ޞިނާޢަތްތައް ތަރައްޤީކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.
މި ލަނދުދަނޑިތައް ޙާޞިލުކުރުމުގައި މައިގަނޑު ގޮންޖެހުމަކަށް ވާނީ ދަޢުލަތުގެ ބޭރުގެ ދަރަނި އަދާކުރުމާއި، ބޭރު ފައިސާގެ ރިޒާވް ހަމަހަމަކޮށް ދެމެހެއްޓުމެވެ. އަދި ސިޔާސީ ހަމަޖެހުން ޤާއިމުކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަކީ ވެސް ކުރިއަށް އޮތް ތަނުގައި ސަރުކާރަށް ކުރިމަތިވާނެ މުހިންމު އިމްތިޙާނެކެވެ.

.png?w=3840&q=75)
.jpg?w=3840&q=75)
.png?w=3840&q=75)

.png?w=3840&q=75)


