
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މީހުން ދިރިނޫޅޭ ރަށްރަށުގައާއި ކަނޑު އުޅަނދުފަހަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ފޯރުކޮށްދޭ އެކޮމޮޑޭޝަން، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މުވައްޒަފުގެ އުޖޫރައިގެ ބައެއްގެ ގޮތުގައި ހިމަނަން ނުޖެހޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ޤަވައިދަށް އިސްލާހު ގެނެސްފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ، މި ގެނެވުނު އިސްލާހާއެކު އެކްރޫއަލް ބޭސިސްއަށް ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓަރުގެ ރިޕޯޓް ހުށައެޅުމަށް ބަލަންޖެހޭ ކަންތައްތަކަށް ވެސް މުހިންމު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ނޮން-ކަރަންޓް އެސެޓްތައް ގަތް އަގު 30 މިލިޔަން ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، ލިބޭ އާމްދަނީގެ މިންވަރަށް ބެލުމެއްނެތި އެކްރޫއަލް ބޭސިސްއަށް ހިސާބު ތައްޔާރުކޮށް އޮޑިޓަރުގެ ރިޕޯޓް ހުށައަޅަންޖެހޭނެއެވެ.
މީގެއިތުރުން، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި "އޮޕަރޭޓިންގ ލީސް" އާ ގުޅިގެން އަދަދެއް އުނިކުރެވޭނީ ލީސްގެ މުއްދަތަށް ބަހާލައިގެން "ސްޓްރައިޓް-ލައިން ބޭސިސް" އެއްގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އިންކަމް ޓެކްސް ޤާނޫނުގެ ބޭނުމަށް "ފައިނޭންސް ލީސް" އެއް ތޯ ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ވެސް އަލަށް ގެނައި އިސްލާހުގައި ވަނީ ތަފްސީލުކޮށްފައެވެ.
އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްތަކުގެ އިމާރާތްތައް ފިޔަވައި، އެހެނިހެން ޓޫރިސްޓް އެސްޓަބްލިޝްމަންޓްތަކުގެ އިމާރާތްތަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭ ރޭޓް 4 އިންސައްތައިން 2.5 އިންސައްތައަށް ދަށްކުރުން ހިމެނެއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ ޓެކްސް އަހަރު 2027 އިން ފެށިގެންނެވެ.
ހަމައެއާއެކު، ޓެކްސް ދައްކާ ފަރާތްތަކުން މާލީ ހިސާބުތަކާއި ލިޔެކިޔުންތައް ތައްޔާރުކުރަންޖެހޭ "ފަންކްޝަނަލް ކަރަންސީ" ކަނޑައަޅާނެ ގޮތް ބަދަލުކޮށް، އެކަމުގައި ބަލާނެ އައު މިންގަނޑުތަކެއް ވަނީ ބަޔާންކޮށްދީފައެވެ.
މީރާއިން ފާހަގަކުރެއްވި ގޮތުގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤަވައިދަށް މި އިސްލާހުތައް ގެނައި ނަމަވެސް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ އެއްވެސް ރޭޓަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
















