
-
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅިފައިވާ ޕެރަމިލިޓަރީ ޖަމާއަތެއް ކަމަށްވާ ބަސީޖް އޮގަނައިޒޭޝަންގެ ކޮމާންޑަރު ހުއްޖަތުލްއިސްލާމް ހުސައިން ތާއިބް، ހުރްމޫޒް ކަނޑުއޮޅި އޮތީ އީރާނުގެ ކޮންޓްރޯލާއި މެނޭޖްމަންޓުގެ ދަށުގައި ކަމަށް ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ އެ މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާގެ ދަށުގައި ކަމަށް އެގައުމުން ދައުވާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ފާރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތާއިބް ވިދާޅުވީ މިއަދު ފެނިގެންދާނީ ހުރްމޫޒް ކަނޑުއޮޅި އޮތީ އިސްލާމިކް ރިޕަބްލިކްގެ މެނޭޖްމަންޓާއި ކޮންޓްރޯލްގެ ދަށުގައިކަން ކަމަށާއި، އަދި އީރާނުން އެގައުމުގެ މިސްރާބަށް ކުރިއަށްދަނީ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމާއެކުކަން ކަމަށެވެ.
މީގެ އިތުރުން އެމެރިކާ މީހުންނަށް އިސްލާމީ އިންގިލާބުގެ ބާރު ފެނިއްޖެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އީރާނުގެ އިސް އޮފިޝަލަކު މިފަދައިން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމްގައި، އެ ސްޓްރެޓީޖިކް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އޮތްކަމަށް ވިދާޅުވެ ލިޔުއްވިތާ 1 ދުވަސް ފަހުންނެވެ.
މިކަމާ ގުޅިގެން ކަނޑުއޮޅީގެ ކޮންޓްރޯލްއާ މެދު ދެގައުމުގެ ދެމެދުގައި މިވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ.
















