



%20(3).jpeg?w=3840&q=75)



ޕީއެންސީ މެންބަރުން
އޯލެވެލް އިމްތިހާން އޮންނަ ދުވަސްވަރާ ދިމާވާތީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ބޭއްވުން އަވަސްކުރަން ނިންމައިފި އެވެ.
ކޮންގްރެސް ބާއްވަން އޮކްޓޯބަރު މަހުގައި ނިންމާފައިވާ ނިންމުން ބަދަލުކުރަން އެ ޕާޓީގެ އާންމު މަޖިލީހުން މިވަނީ ފާސްކޮށްފަ އެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެމުން ޕީއެންސީ އިން ބުނީ ކުރިން ކަނޑައެޅި ތާރީހުގައި އޯލެވެލް އިމްތިހާން ބާއްވާ ދުވަސްވަރާ ދިމާވާތީ، ކޮންގްރެސް އަވަސް ކުރަން ރޭގެ އާންމު ބައްދަލުވުމަށް ހުށަހެޅުއްވި ޕާޓީގެރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
ރޭ ބައްދަލުވުމުގައި ބައިވެރިވެ ވޯޓް ދިން މެންބަރުންގެ އިއްތިފާގުން މިކަން ފާސްވެފައިވާ ކަމަށެވެ. އަދި ދެން ކޮންގްރެސް ބާއްވާނެ ތާރީހެއް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ޕީއެންސީ އިން ބުންޏެވެ.
"ދަ ގްރޭޓް އައްޑޫ" ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޕީއެންސީގެ ކޮންގްރެސް އަކީ ވަރަށް އިންސާފުވެރި އަދި ދެފުށް ފެންނަ ކޮންގްރެސްއެއް ގޮތުގައި ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.







