
ފޯޅަވަހި ހޯދުމަށް އިނގިރޭސި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ހުށަހަޅުއްވައިފި
ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތުގެ މަޝްވަރާތައްކުރެއްވުމަށްޓަކައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދައުވަތު ފޮނުއްވައިފި އެވެ.
މި ދައުވަތު ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ ފޯޅަވަހި ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދުމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ މި ސިޓީފުޅުގައި ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމުގައި ތާރީހީ ގޮތުންވެސް ފެންނާނެކަމާއި، ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ރާއްޖޭއާއި މާގާތުގައި އޮތް ރަށެއްކަން ފާހަގަކުރައްވާ، ފޯޅަވަހި ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެއިތުރުން ރައީސްގެ ސިޓީފުޅުގައި ވަނީ ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ ހާލު، ފޯޅަވައްސާ ގުޅުންހުރި ކަންކަމުގައި އިނގިރޭވިސިލާތާއެކު އިތުބާރު ހުރި އަދި ބިނާކުރަނިވި ގުޅުންތަކެއް ދެމެހެއްޓުމަށް ރާއްޖެއިން އިސްކަމެއްދޭކަން ފާހަގަކުރައްވާފަ އެވެ. އަދި މި މައްސަލައިގެ މަޝްވަރާތަކެއް ބޭއްވުމަކީ މުހިންމުކަމެއްކަމަށް ރައީސްގެ ސިޓީފުޅުގައިވަނީ ތަކުރާރުކުރައްވާފަ އެވެ.
ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ ދުވަސްވަރެއްކަން ފާހަގަކުރައްވާ ރައީސްގެ ސިޓީފުޅުގައިވަނީ މި ވަގުތުގައި ދެ ގައުމުގެ ދެމެދުގައި އާލާވާ ގުޅުންތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ.








.jpeg?w=3840&q=75)




.jpeg?w=3840&q=75)


