
.jpg?w=3840&q=75)







ރައީސް މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓެއް ހަދާ ރަށްތައް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިސޯޓުތަކުގެ ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ ވާހަކަފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޓޫރިޒަމް ސެކްޓަރުން ވަކި ބަޔަކު މުއްސަނދިވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.
އެގޮތުން މިހާރު ތަފާތުކުރުމެއްނެތި ދިވެހި ރައްޔިތެެއްކަން އަންގައިދޭ އައިޑީކާޑު އޮންނަ ކޮންމެ ދިވެއްސަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއްސާއެއް އޮންނަ މީހެއްގެ ގޮތުގައި ހެދުމަކީ ރައީސްގެ ވައުދުފުޅެއްކަމަށެވެ. "މިހާރު ގޮސްފައިވާ ހިސާބަކީ، މާލެއަތޮޅާއި އެކިއަތޮޅުތަކުން ފަޅުތަކާއި ރަށްތަށް ކަނޑައަޅާ، މިހަފްތާގެ ތެރޭގައި ނިމި ދެން އަޅުގަނޑުމެން އޭގެ ދެންހުރި މަސައްކަތް ކުރިއަށްގެންދާނެ އިރާދަކުރެއްވިޔާ އުއްމީދަކީ ނޮވެންބަރު މަހުގެ ތެރޭގައި މީގެ ބައެއް މަސައްކަތްތައް އުފެދުން." ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މަސައްކަތް 36 މަސް ދުވަހުގެ ތެރޭގައި ނިންމަވާ އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެކަމަށެވެ.
ރައީސް މިކަން އިއުލާންކުރައްވާފައިވަނީ މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިންނަކީ ދިވެހިން ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މިފަދަ އެސެޓުތަކުގެ ސީދާ އާމްދަނީ ދިވެހިންނަށް ލިބޭނެ މަގެއް،ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން އާމްދަނީ ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަން ވަނީ އިއުލާންކުރައްވާފަ އެވެ.





.jpg?w=3840&q=75)


