
ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ފަށައިފި
# ރައީސް މުއިއްޒު# ބ.ތުޅާދޫ# ކަލްޗަރަލް ސެންޓަރު# އެމްޓީސީސީތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
ބ.ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ އަމަލީ މަސައްކަތްތައް ފަށައިފި އެވެ.

މި ސެންޓަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
އެމްޓީސީސީން ބުނެފައިވަނީ މި މަސައްކަތުގެ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަރުކަޒުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަން ނިންމާފައިވެ އެވެ.
އިޤްތިސޯދީ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ސަގާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތު އަދި އެމަނިކުފާނުގެ ތަސައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށް އެވުޒާރާއިން ފާހަގަކުރި އެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ ލިޔެލާ ޖެހުމާއި އެހެނިހެން ދިވެހިވަންތަ މަސައްކަތްކުރުމަށް ގައުމީ ފެންވަރުގެ މަރުކަޒެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ތާރީހާއި ސަގާފަތާ ގުޅިފައިވާ ލިޔެލާ ޖެހުމާއި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެެއް މި ރަށުގައި ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށެވެ.
2 ފަންގިފިލާއަށް ތަރައްގީކުރާ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 24.4 މިލިޔަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އަދި މި ސެންޓަރުގައި ކެފޭއަކާއި ހިތްފަސޭހަކޮށްލުމަށް ޖާގަވެސް ހުންނާނެ އެވެ.
މި މަސައްކަތުގެ އެއްބަސްވުން ގާއިމުކުރީ ރައީސް މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެއަތޮޅު ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.






