








ދިވެހިރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއްދެއްވި އެއް ދާއިރާއަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށާއި، ސިއްހީ ދާއިރާގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތައް ނިންމައި ހިދުމަތްދޭން ފަށާފައިވާއިރު، އަލަށް ބައެއް މަޝްރޫއުތައް ވަނީ ފަށާފަ އެވެ.
ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ކުދި ޖަޒީރާ ގައުމެކެވެ. އެހެންކަމުން ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް އަވަހަށް އުފުލުން އެއީ ޖެހިފައިވާ ބޮޑު ތަކުލީފެކެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތް މާރިޗު 2024 އިން ފެށިގެން 24 ގަޑިއިރު ލިބޭގޮތަށް ރަސްމީކޮށް ވަނީ ފަށާފަ އެވެ. ގައުމީ އެއާލައިން މޯލްޑިވިއަންއާއި ގުޅިގެން ފެށި މި ހިދުމަތުގައި ޑޭޝް-8 މަރުކާގެ މަތިންދާބޯޓަކާއި ސީޕްލޭނެއް އައިސީޔޫ ސެޓަޕާއެކު ބޭނުންކުރަން ފަށާފައިވާއިރު، ރާއްޖެއިން ބޭރުން އިންޑިއާ އަދި ސްރީލަންކާއަށް ބަލިމީހުން އުފުލުމުގެ އިންތިޒާމުވެސް މި ހިދުމަތުގެ ދަށުން ވަނީ ހަމަޖައްސާފަ އެވެ.
މީގެއިތުރުން، ބަލިތައް ކުރީކޮޅުގައި ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) މޮޑެލް އަލުން ދިރުވައި، މުޅި ޤައުމަށް އަމާޒުކޮށްގެން ޕްރިވެންޓޭޓިވް ހެލްތު ސްކްރީނިންގ ޕްރޮގްރާމްތައް ފަށައި، ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު 2024 ޖެނުއަރީ 1 އިން ފެށިގެން އެކި އުމުރުފުރާތަކަށް ބަހާލައިގެން ވަނީ ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ކުރިން ފުރަތަމަ ދައްކާނެ ޖެނެރަލް ޕްރެކްޓިޝަނަރ (ޖީޕީ) ކްލިނިކްތައް މާލެ ސަރަހައްދުގައި، ހާއްސަކޮށް މާފަންނުގައި ވަނީ ގާއިމުކުރަން ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކުގެ ތޮއްޖެހުން ކުޑަވެ، ގައިންގަޔަށް ނާރާ ބަލިތައް ކުރިއާލާ ދެނެގަނެ، އެކަށީގެންވާ ފަރުވާ އަވަހަށް ފެށުމަށް މަގުފަހިވެގެން ގޮސްފައިވެ އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ޓައިމް މެގަޒިންގެ ތައުރީފު ލިބިފައިވާ ފަދަ އިންގިލާބީ ބަދަލުތަކެއް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ވަނީ ގެނެސްފައެވެ. ކުރީގެ ސަރުކާރުތަކުން ހަމައެކަނި ޓެކްސް ބޮޑުކުރުމަށް ބަރޯސާވި ނަމަވެސް، 2024 ވަނަ އަހަރުގެ ނޮވެންބަރު އަދި 2025 ވަނަ އަހަރުގެ މެއި މަހު ގެނައި ފުރަތަމަ އަދި ދެވަނަ އިސްލާހާއެކު، މުޅި ރާއްޖޭގައި ވޭޕް އަދި އީ-ސިނގިރޭޓް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ދުންފަތް ގަނެވޭނެ އެންމެ ހަގު އުމުރު 21 އަހަރަށް ވަނީ މަތިކޮށްފައެވެ. އަދި 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވި އެއްވެސް ކުއްޖަކަށް ދުންފަތް ވިއްކުން ދާއިމީކޮށް މަނާކުރާ ދުނިޔޭގެ ފުރަތަމަ "ޖެނެރޭޝަނަލް ސްމޯކިންގ ބޭން" 1 ނޮވެންބަރު 2025 އިން ފެށިގެން ތަންފީޒުކުރަން ވަނީ ނިންމާފައެވެ.
ދެން އެންމެ ބޮޑު އިންގިލާބެއް މި ސަރުކާރުން ގެނެސްފައިވަނީ ބޭސް ހޯދުމުގެ ދަތިތަކަށެވެ. ކުރިން އެސްޓީއޯގެ އެއް ޑިވިޝަނެއްގެ ގޮތުގައި މިކަން އޮތުމުން ރަށްރަށުގައި ބޭސް ހުސްވުމުގެ މައްސަލަ ބޮޑުވެ، ރައްޔިތުންނަށް ބޭސް ހޯދުމަށް ތަކުލީފަކަށްވެފައިވާއިރު، އެކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ ސެޕްޓެންބަރު 2025 ގައި ސްޓޭޓް ފާމާ ތައާރަފްކޮށް، އެ ކުންފުނީގެ ދަށުން ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. އެގޮތުން 2026 ވަނަ އަހަރު އެސްޓީއޯގެ ދަށުން ހިންގަމުން އައި 190 އަށްވުރެ ގިނަ ފާމަސީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށް، ޑިޖިޓަލްކޮށް ސްޓޮކް ބެލެހެއްޓޭނެ ޕްލެޓްފޯމަކާއި، ދުރު ރަށްރަށަށް ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބައެއް ބޭސް ފިހާރަތަކުން ބޭސް އާސަންދައިގެ ދަށުން ދޫ ނުކުރާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެފަދަ އަމަލެއް ހިންގާނަމަ ސްޓޭޓް ފާމާއަށް ރިޕޯޓްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.
ކުޑައެއް ބޮޑެއް ބެލުމެއްނެތި މަޝްރޫއުތައް ފަށާފައިވާއިރު، އަތޮޅުތަކުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށްޓަކައި، ކުރީ ސަރުކާރުތަކުން ފަށައި ހުއްޓިފައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ އުމްރާނީ މަސައްކަތްތައް އަލުން ފަށައި، ހަލުވި ދުވެލީގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި ރަށްރަށުގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމާއި، ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމުގެ އިތުރުން ރަށްރަށުގެ ހެލްތު ޕޯސްޓުތަކުގައި ލެބޯޓަރީ ގާއިމުކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލް ތަރައްގީކުރުމާއި، ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކާއި، ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ޒަމާނީ ފެންވަރުގެ ސެންޓަރެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފަ އެވެ. މިއާއެކު ސަރުކާރުގެ ފުރަތަމަ ޑީއެންއޭ ލެބޯޓަރީ ގާއިމުކޮށް، ކުޑަކުދިންނަށް ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމުގެ ފުރުސަތު ފުޅާކޮށް، ބަލިމީހުންނަށް ހާއްސަ މަންތްލީ އެލަވަންސެއް ދޭން ވަނީ ފަށާފައެވެ.
އަތޮޅުތެރެއަށް ބަލާއިރު، 9 ސަރަހައްދެއްގައި ޑަޔަލިސިސް ސެންޓަރު ގާއިމުކޮށް، ރީޖަނަލް ހޮސްޕިޓަލްތަކަށް އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފްކޮށް، ދެކުނުގައި ގދ. ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކާޑިއޮލޮޖީ އަދި ނެފްރޮލޮޖީ ފަދަ ހާއްސަ ހިދުމަތްތައް ވަނީ ފަށާފައެވެ. އަދި ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު އަދި ތ. ގުރައިދޫ ހިމެނޭހެން އާ 6 އަތޮޅު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މާލެ ސަރަހައްދަށް ބަލާއިރު، ނޮވެންބަރު 2024 ގައި ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް، އާ އެމަޖެންސީ ރޫމަކާއި، 4 ތިއޭޓަރުގެ ސާޖިކަލް ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫ އަދި 14 އެނދުގެ އެންއައިސީޔޫއެއްގެ އިތުރުން ނިއުރޮލޮޖީ، ޔޫރޮލޮޖީ އަދި ގޭސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމަންޓް (އޮގަސްޓް 2026 ގައި) ވަނީ ހުޅުވާފައެވެ. އައިޖީއެމްއެޗްގައި 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގްއެއް ހުޅުވައި ޖުމްލަ 510 އެނދަށް ބަދަލުކޮށް، ހޯމް ނާސިންގ ކެއާ އަދި ނިއުރޯސާޖަރީ ފަށައި، ދަރުމަވަންތަ ހޮސްޕިޓަލުގެ އީއާރު ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ.
އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ހިދުމަތްތައް މާލެއާއި އަތޮޅުތަކުގައި ފުޅާކުރުމަށްވެސް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން 24 ގަޑިއިރު ހިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން (1677) ތައާރަފްކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ނަފްސާނީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައި، ނަފްސާނީ ފަރުވާއާ ގުޅޭގޮތުން މުޖުތަމައުގައި އޮންނަ ވިސްނުން ބަދަލުކުރުމަށް ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.
ރާއްޖޭގައި އެކި ބަލިތައް ތަހައްމަލްކުރާ އެތައް ބައެއް އުޅޭއިރު، ވަކި ފެންވަރެއް ނުބަލައި އާސަންދައިގެ އިސްލާހީ ފިޔަވަޅުތައް އަގުތައް ކޮންޓްރޯލްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ކުރިން 1،000 އިންސައްތައިން ބޭހުގެ އަގުބޮޑުކޮށް ވިއްކަމުންދިޔަ ދިއުމަށް ނިމުމެއް ގެނެސް، އާސަންދަ ނިޒާމުގެ އިސްރާފު ހުއްޓުވައި، ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމު ހިންގުމަށްޓަކައި ބޭހުގެ އަގުތައް ރެގިއެލޭޓް ކުރުމާއި އެސްޓީއޯ މެދުވެރިކޮށް ސްޓޭޓް ޕްރޮކިއުމަންޓް ފުޅާކުރުމާއި، ޕްރައިވެޓް ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ނަގާ އަގުތައް އެއް ހަމަކުރުމުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ.
މީގެ އިތުރުން ލޮލުގެ ފަރުވާއަށް ހާއްސަކޮށްގެން އައިޖީއެމްއެޗް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސަރުކާރުގެ އޮޕްޓިކަލް ފިހާރަތައް ހުޅުވައި، އާސަންދައިން އައިނު ހެދުމަށް ދޭ ސަބްސިޑީ ވަނީ ދެގުނަ ކޮށްފައެވެ. އަދި އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ދިވެހިންނަށް އެންމެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުފަހިކުރުމަށްޓަކައި، ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ފަދަ ޤައުމުތަކުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ފަރުވާ ހޯދޭނެ ނިޒާމު ހަމަޖެއްސުމުގެ އިންތިޒާމުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މީގެއިތުރުން ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިން ފަރުވާ ދިނުން ހިމެނެ އެވެ. އެގޮތުން އައިވީއެފް (IVF) އަދި އައިޔޫއައި (IUI) ހިމެނޭހެން ދަރިމައިވުމުގެ ދަތިތަކަށް ދޭ މުހިންމު ފަރުވާތަކަށް ދައުލަތުގެ އާސަންދަ ސްކީމުގެ ތެރެއިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ދަރުމަވަންތަ ހޮސްޕިޓަލުގައި ނޭޝަނަލް ފާޓިލިޓީ ސެންޓަރު 2024 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އަމަލީ ގޮތުން ހިދުމަތް ދޭން ވަނީ ފަށާފަ އެވެ. މީގެ ސަބަބުން މި ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން ހުއްޓި، އަމިއްލަ ފަސްގަނޑުގައި ތިބެގެން މި ހިދުމަތް ހޯދުމަށް ވަނީ މަގުފަހިވެފައެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ "ނޭޝަނަލް ޑިސްއެބިލިޓީ ސާވިސަސް އެންޑް ތެރަޕީ ސެންޓަރު" ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއާއެކު ނޭޝަނަލް ޑިސްއެބިލިޓީ ރަޖިސްޓްރީ 15،600 އަށްވުރެ ގިނަ މީހުންނާއެކު ފުޅާކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ ސިވިލް ސާވެންޓުންނަށް މާރިޗު 2026 އިން ފެށިގެން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު (WFH) ވަނީ ހަމަޖައްސާފައެވެ.
މިހާރު ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލާލިޔަސް ފެންނަނީ އެންމެ ކުޑަކަންކަންވެސް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ކޮށްލާތަނެވެ. އެގޮތުން ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަވަސްކުރުމަށްޓަކައި މުޅި ސިއްހީ ނިޒާމު އެއް ވިއުގައަކުން ގުޅާލައި ޑިޖިޓަލައިޒް ކުރުމުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފަ އެވެ. މީގެ ތެރޭގައި މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް (2026-2030) އެކުލަވާލުމާއި، ނޮވެންބަރު 2026 ގައި ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމް ޕޯޓަލް ތައާރަފްކުރުމާއި، އެމްއެފްޑީއޭގެ ބޭސް ސިޓީ ޓްރެކްކުރާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. މީގެ ސަބަބުން ބަލިމީހުންގެ މެޑިކަލް ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓި، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޑޮކްޓަރަށް ދެއްކުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދު 3 އަހަރު ފުރިގެންދާއިރު، ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަމުންދާ މި ބަދަލުތަކަކީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް އަމިއްލަ ރަށުން ނުވަތަ ފަސޭހަކަމާއެކު ފޯރޭނެ ކައިރި ސަރަހައްދަކުން އިތުބާރާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ބޮޑު ބިންގަލެކެވެ.







