




.jpeg?w=3840&q=75)



ރައީސް ޑރ.މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލިސް މެންބަރުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ފަންނީ ދާއިރާތަކުގެ ހާއްސ ކޮމިޓީތަކާއި، ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރައްވާނެ އުސޫލެއް ކަނޑައަޅުއްވައި، އެއަށް އަމަލުކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު މި އުސޫލު ކަނޑައަޅުއްވާފައިވާއިރު،މި އުސޫލުގެ މަގްސަދަކީ އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާ ގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތައުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް އުފައްދަވާ "ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލެއްވުމާއި، ހިންގުމުގައި ޢަމަލުކުރައްވާނެ ގޮތް ކަނޑައެޅުއްވުމެވެ.
މިގޮތުން ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކެއް އެކުލަވައިލައްވައި، އެ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފަ އެވެ. އަދި މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.
ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރައްވާނެ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރައްވާނެކަމަށް އެ އިދާރާއިން ބުންޏެވެ.






