
-
ރ. އަލިފުށީގައި ތަރައްޤީކުރާ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމައި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ރަސްމީކޮށް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނޫސްވެރިންނާއެކު ސިލްސިލާކޮށް ބާއްވަވަމުންދާ ބައްދަލުވުމެއްގެ ތެރެއިން، އަލިފުށީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ބައެއް މަޝްރޫޢުތައް ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އަލިފުއްޓަކީ ސަރަޙައްދީ ތަރައްޤީގައި މުހިންމު ރަށަކަށް ވުމުން އެރަށުގެ މަޝްރޫޢުތަކަށް ޚާއްޞަ ސަމާލުކަމެއް ސަރުކާރުން ދޭނެއެވެ. މި ދެ މަޝްރޫޢުގެ ތަފްސީލުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެއާޕޯޓާއި ހޮސްޕިޓަލް ބިނާކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ ކަމަށެވެ. އަދި އެ ކުންފުންޏަށް ބޭނުންވާ ސާމާނު ގަތުމަށް ބޭނުންވާ ފައިނޭންސް މިހާރު ހަމަޖެހިފައިވާތީ، މާ ލަސްތަކެއްނުވެ މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދައި އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އަލިފުށީގައި ތަރައްޤީކުރާ 30 އެނދުގެ މި ހޮސްޕިޓަލަކީ ދައުލަތުން 128 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި އައު އިމާރާތާއެކު އެރަށުގައި ސްޕެޝަލިޓީ ޑޮކްޓަރުންގެ ޚިދުމަތް ފުޅާވެގެންދާނެއެވެ. އަދި މިއީ ކޯވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައިވެސް ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމަނައިގެން، އަދި ހަކަތައަށް ކުރާ ޚަރަދު ކުޑަކުރުމަށް ސޯލާ ޕީވީ ސިސްޓަމްވެސް ހަރުކޮށްގެން ހަދާ ޒަމާނީ ހޮސްޕިޓަލެކެވެ.
ހަމައެއާއެކު، އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ އަލިފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ. މި މަޝްރޫޢަށްޓަކައި އެރަށުން 50.5 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އޭގެ ތެރެއިން %80 ބިން ބޭނުންކުރާނީ 1200 މީޓަރުގެ ރަންވޭއަކާއި ޓާމިނަލް ހިމެނޭ އެއާޕޯޓު ތަރައްޤީކުރުމަށެވެ. ބާކީ ބިން ބޭނުންކުރާނީ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ބޭނުންތަކަށެވެ. ބަޖެޓުން 426.05 މިލިޔަން ރުފިޔާ ޚަރަދުކުރާ މި އެއާޕޯޓާއެކު ރަށުގެ އިގްތިސާދަށާއި ރައްޔިތުންގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ގުޅުންހުރި

"އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢު މި ދައުރުގައި ނިންމައި ހުޅުވާނަން"

ޕޭޕަލްގެ ހިދުމަތާ 3،280 ފަރާތަކުން ގުޅިއްޖެ- ރައީސް

އަމާޒަކީ މިއަހަރުގެ ތެރޭގައި ފްލެޓާއި ގޯތީގެ ލިސްޓު އާންމުކުރުން - ރައީސް




