
-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ނ އަތޮޅު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންއިންނެވެ. އެގޮތުން މި ހިދުމަތް ފެށުމަށްޓަކައި މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްގެ އިތުރުންގެ ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރު ވަނީ ބައިވެރިވެފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވެލިދޫ ކައުންސިލް އިދާރާގައި ސީޕްލޭން ދަތުރުތަކަށް ޚާއްސަކޮށް ޗެކިންގ ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލުމަށް ޚާއްސަ ލައުންޖެއް ވަނީ ތައާރަފްކޮށްފައެވެ. އަދި ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓު ވެލިދޫ ބޭރުގައި ގާއިމްކޮށްފައިވާ ޚާއްސަ ޕްލެޓްފޯމުން މާލެއަށް ފުރީ މިއަދު މެންދުރު 14:40 ހާއިރުއެވެ. އެފްލައިޓުން 15 މީހަކު މިއަދު ވަނީ މާލެ އަށް ދަތުރުކޮށްފައެވެ.
މޯލްޑިވިއަންއިން މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ބުދަ ދުވަހާއި ހުކުރު ދުވަހު އެވެ. މި ދަތުރުތައް ކުރުމަށް ވެލިދޫ ބޭރުގައި ޚާއްސަ ޕްލެޓްފޯމެއް ވަނީ ގާއިމްކޮށްފައެވެ. މި ރޫޓުގެ ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަންއިން ވަނީ ދިވެހިންނަށް ޚާއްސަ އަގެއްގައި ޓިކެޓް ލިބޭނެ ފެއާއެއް ތަޢާރަފްކޮށްފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 999ރުފިޔާއަށް ލިބޭނެއެވެ.
ވެލިދޫ ކައިރީގައި ތަރައްޤީކުރާ ވިހަފަރު އެއާޕޯޓު ތަރައްޤީކުރެވެންދެން އެރަށަށާއި އެރަށާއި ކައިރި ރަށްތަކަށް ބޭނުންކުރެވޭނެ ފަދައިން ސީޕްލޭން ހިދުމަތް ފައްޓަވަން ނިންމަވައި އެކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވެލިދޫއަށް ކުރެއްވި ޒިޔާރާތުގައިއެވެ.
ގުޅުންހުރި

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ވެލިދޫއަށް ސީޕްލޭން ދަތުުރުތައް ފަށައިފި

މޯލްޑިވިއަންއިން ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ: އެއްކޮޅު 999 ރުފިޔާއަށް!

ފުވައްމުލަކާއި ގަމާ ދެމެދު މޯލްޑިވިއަންއިން ކޮންމެ ހަފްތާއަކުވެސް ދަތުރުތައް ބާއްވަނީ، އެއްކޮޅު 676 ރުފިޔާއަށް!





