.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވެލް އެވޯޑްސް 2026" ގެ ހަ ކެޓަގަރީއަކުން ނޮމިނޭޓްވެއްޖެއެވެ.
މިއީ ބައިނަލްއަޤްވާމީ އޭވިއޭޝަން ސިނާއަތުގައި އެ އެއާލައިނުން ހޯދަމުންދާ ކުރިއެރުމާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތައް ރަމްޒުކޮށްދޭ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި މޯލްޑިވިއަންއިން ސިފަކުރެއެވެ.
މޯލްޑިވިއަންއިން މައުލޫމާތު ދޭ ގޮތުގައި، އިންޑިއާ ކަނޑުގެ ސަރަހައްދުން އެ އެއާލައިން ނޮމިނޭޓްވެފައިވަނީ ވަރަށް މުހިންމު ހަ ދާއިރާއަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ އެންމެ ކުރިއަރާފައިވާ އެއާލައިން، އެންމެ ކުރިއަރާފައިވާ އެއާލައިން ބްރޭންޑް، އެންމެ ފާހަގަކޮށްލެވޭ ބިޒްނަސް ކްލާސް، އެންމެ ފާހަގަކޮށްލެވޭ އިކޮނޮމީ ކްލާސް، އެންމެ އެކުވެރި ކެބިން ކުރޫ އަދި އިންޑިއާ ކަނޑުގެ އެންމެ ކުރިއަރާފައިވާ ސީޕްލޭން އޮޕަރޭޓަރުގެ ކެޓަގަރީއެވެ.
މި ނޮމިނޭޝަންތަކަކީ ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، އެތެރޭގެ އަދި ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުޅި ވިއުގާގައި ޚިދުމަތުގެ މިންގަނޑުތައް މަތިކުރުމަށް މޯލްޑިވިއަންއިން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެއާލައިނުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެްއްގައި، ވޯލްޑް ޓްރެވެލް އެވޯޑްސްގައި އެ ކުންފުންޏަށް ލިބިފައިވާ ނޮމިނޭޝަންތަކަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި ވޯޓު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާތީ، އާންމު ރައްޔިތުންނާއި ކަސްޓަމަރުން އެއާލައިނަށް ވޯޓު ދިނުމަށް ވަނީ އެދިފައި އެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ މުޅި ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި ދެވޭ އެންމެ އަގުހުރި އެވޯޑަށްވާއިރު، މީގެ ތެރޭގައި އެއާލައިންތަކާއި، ހޮޓާތަކާއި، މަންޒިލްތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެކި ޚިދުމަތްތައް ހިމެނެއެވެ. މި އެވޯޑުގެ ކާމިޔާބީތައް ހޮވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އާންމުން ދޭ ވޯޓަށް ބަލައިގެން ކަމަށްވާތީ، ހަ ކެޓަގަރީއިންވެސް ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް އެންމެންގެ ބައިވެރިވުން މުހިންމުކަމަށް މޯލްޑިވިއަންއިން ފާހަގަކުރެއެވެ.
.jpeg?w=3840&q=75)






