






މާލެ ސިޓީ
ސަރުކާރުން އުފެއްދި ޓްރާންސްޕޯޓް އޮފީހަށް ބޮޑެތި ބާރުތަކެއްދީ، ވެހިކަލް ފީތައް ކައުންސިލްތަކަށް ނުލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރުމަށް 47 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 12 މެންބަރުންނެވެ.
މި ބިލުގައި މައިގަނޑުކޮށް އިސްލާހުތައް މާލެ ސިޓީ ކައުންސިލަށް އެކަނި އަމާޒުކޮށްފައިވާއިރު، މިއީ މާލެ ސަހަރައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ސިޔާސަތުތަކާ އެއްގޮތަށް ރާވައި ހިންގުމުގެ ބޮޑެތި ބާރުތަކެއް ސަރުކާރުން އުފައްދާއިފައިވާ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" އަށް ދިނުން ހިމެނެ އެވެ.
ނަމަވެސް މި ބާރު އެ އޮފީހަށް 3 އަހަރުގެ މުއްދަތައް ދީފައިވާއިރު، އެއަށްފަހު އެ އޮފީހުގެ މުއްދަތު އިތުރުކުރެވޭނީ ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައިގެންނެވެ.
މިއަދު ގާނުނަށް ގެނެވުނު އިސްލާހާއެކު އެ އޮފީހަށް ބާރުތައް ލިބޭތާ 6 މަސް ދުވަހުގެ ތެރޭގައި މާލެ ސަހަރައްދުގައި ދުއްވޭނެ އެންމެ ގިނަ އަދަދުގެ ވެހިކަލް ލިމިޓް ކަނޑައެޅުން ލާޒިމްކޮށްފައިވާއިރު، މީގެކުރިން އެ ބާރު މަތިކޮށްފައިވަނީ ކައުންސިލްގެ ޒިންމާއެއް ގޮތުގަ އެވެ.
މީގެއިތުރުން މި ބިލުގެ އިސްލާހުގައިވަނީ މީގެކުރިން ކައުންސިލްތަކަށް ލިބެމުންދިޔަ އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ އާއި، ޓްރެފިކް އަދި ޕާކިންގް ފީތައް ދެން ކައުންސިލްތަކުގެ ބަޖެޓަށް ނުލިބޭނެ ކަމަށެވެ. އަދި މިގޮތަށް އަމަލުކުރަން ފެށުމާއެކު ދެން އެ ފީތައް ޖަމާކުރަންޖެހޭނީ "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް" އަށްކަމަށްވާއިރު، އެ ފައިސާ ބޭނުންކުރަންޖެހޭޏީ ހަމައެކަނީ މާލޭގެ ޓްރާންސްޕޯޓް މައްސަލަތައް ހައްލުކުރުމަށް ކަމަށް ގާނޫނުގައިވެ އެވެ.
ހަމައެއާއެކު މާލެ ސަހަރައްދުގައި ގާއިމްކުރުމަށް ނުވަތަ ތަންފީޒުކުރުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ކުރުމަށާއި، މާލޭ މަގުތަކުގައި ޓްރެފިކް ނިޝާންތައް ހަރުކުރުމަށާއި، ރޯޑް މާކިންގް ހެދުމާއި، ޕާކިންގް އަދި ޓްރެފިކް މެނޭޖްމަންޓާއި ގުޅޭ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުން އަދި ގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭކަމަށް މި ގާނޫނުގައި ބަޔާންކުރާ އެހެނިހެން ކަންކަންވެސް ހިމެނެ އެވެ.
މި އިސްލާހުގައި ދެން ހިމަނާފައިވާ ކަންކަމަކީ އެއްގަމު އުޅަނދުފަހަރު އިންޝުއާ ނުކޮށް ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، ކުށް ތަކުރާރުވާ ނިސްބަތުން ޖޫރިމަނާގެ އަދަދު 2 ގުނައަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި އުޅަނދުތަކުގައި ހާއްސަ ނަންބަރު ނުވަތަ އަކުރު ޖެހުމަށް ދޫކުރާ ހުއްދައިގެން އެންމެ ކުޑަ ފީގެ ގޮތުގައި ފަސްލައްކަ ރުފިޔާ ކަނޑައަޅައިފައިވެ އެވެ.
މި އިސްލާހުގެ ތެރެއިން އުޅަނދެއް އެންމެ ގިނަވެގެން ބޭނުންކުރެވޭނެ އަހަރު ކަނޑައަޅާފައިވާއިރު، ރާއްޖޭގައި އުޅަނދުފަހަރު އުފެއްދި ތާރީހުން ފެށިގެން ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު އެވެ. އަދި އެ ގަވައިދާ ހިލާފުވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުމުގެ އުސޫލުތައްވެސް ހިމަނާފައިވެ އެވެ.



.jpeg?w=3840&q=75)




