






ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓޫރް އޮޕަރޭޓަރުން (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނީ އޮންލައިން ބުކިންގް ޕްލެޓްފޯމްތަކާއި، ބޭރުގެ ޓޫރް އޮޕަރޭޓަރުން އަދި ރާއްޖޭން ބޭރުގެ ޓްރެވަލް އެޖެންޓުންނާ ގުޅޭގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާ ގުޅިގެން ވަރަށްބޮޑަށް ކަންބޮޑުވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ އިންސާފުވެރި އަދި ހަމަހަމަ ޓެކްސް ނިޒާމަކަށް މަޓާޓޯއިން ތާއީދުކުރި ނަމަވެސް، މި އިސްލާހު މިހާރު އޮތް ގޮތުން ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓޫއަރ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް އެދެވޭ އެއްވެސް ފައިދާއެއް ނުވަތަ ރައްކާތެރިކަމެއް ނުލިބޭކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.
ޚާއްޞަ ކަންބޮޑުވުމަކީ، މިފަދަ ބޮޑެތި ބަދަލުތަކެއް އެކުލަވާލުމުގެ ކުރިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޓާޓޯއާއި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާކޮށްފައި ނުވުން ކަމަށާއި ދިވެހި ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ބޭރުގެ އެތައް ހާސް ޓޫއަރ އޮޕަރޭޓަރުން، ހޯލްސޭލަރުން، ރީޓޭލަރުން އަދި ޓްރެވަލް އެޖެންސީތަކުގެ ގުޅުމަށް އަސާސީ ގޮތުން އަސަރުކުރާނެ ގާނޫނެއް އެކުލަވާލާއިރު، ސިނާއަތުގެ މަޝްވަރާ ހޯދުމަކީ މި މަސައްކަތުގެ މުހިންމު ބަޔަކަށް ވާންޖެހޭނެކަން ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވިއްކުމުގެ ނިޒާމަކީ އޮޅުންބޮޅުން ބޮޑު ނިޒާމެއްކަން ފާހަގަކޮށް ބުނީ ރާއްޖޭގެ އެޖެންޓުން މަސައްކަތްކުރަނީ ތަފާތު މާކެޓްތަކުގައިވާ ބޭރުގެ ޓުއަރ އޮޕަރޭޓަރުން، ހޯލްސޭލަރުން، ސަބް-އެޖެންޓުން، ބެޑް ބޭންކުތައް އަދި ރީޓޭލަރުންގެ ބޮޑު ވިއުގައަކާ ގުޅިގެންނެވެ. މި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ އެކި ގައުމުތަކުގެ ފަތުރުވެރިކަން ވިއްކާ އަދި ރާއްޖޭގެ ވިޔަފާރި މަދު މިންވަރަކަށް ކުރާ ކުންފުނިތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.
މަޓާޓޯގެ ބަޔާނުގައި ބުނީ ހުށަހެޅިފައިވާ އޮނިގަނޑު ބުނާގޮތުން، ރާއްޖޭގައި ދާއިމީ އޮފީހެއް ނުވަތަ ވަސީލަތެއް ނެތް ނަމަވެސް، އެތެރެވާ ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދޭ ބޭރުގެ ފަރާތްތަކުން މީރާގައި ރަޖިސްޓްރީވާންޖެހޭ ކަމަށާއި ދިވެހި ޓްރެވަލް ކުންފުންޏަކާ ގުޅިގެން މަސައްކަތްކުރާ ބޭރުގެ އަމަލީ ގޮތުން ބަލާއިރު، ތަންފީޒުކުރުމަށް އިންތިހާއަށް އުނދަގޫ ކަމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޓެކްސް ގާނޫނުތަކަށް ބޭރުގެ ސަތޭކައިން ނުވަތަ ހާހުން ގުނާލެވޭ ވިޔަފާރި ބައިވެރިން އަހުލުވެރިކުރުވުމާއި، މޮނިޓަރުކުރުމާއި، ނުވަތަ ޓެކްސް ދައްކާތޯ ބެލުމުގެ ޒިންމާ ދިވެހި ޓްރެވަލް އެޖެންޓުންގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި ބޭރުގެ އޮޕަރޭޓަރުންގެ އަތުން އިތުރު ޓެކްސް ނެގުމާއި ރަޖިސްޓްރީވާން މަޖުބޫރުކުރުމުން އޭގެ ފައިދާ އޮޓޮމެޓިކުން ދިވެހި އެޖެންޓުންނަށް ކުރާނެ ކަމަށް ހީވެފައިވާ ހީވުމެއްވެސް އެބައޮތް ކަމަށާއި. ކަން އޮތީ މުތުލަގަށް އެހެން ކަމަށް މަޓާޓޯއިން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.




