








ޕާކިސްތާނުގެ ޕީއައިއެމްއެސްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ
ޕާކިސްތާނުގެ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ތައުޒިޔާގެ މެސެޖް ފޮނުއްވާފައިވަނީ ޕީއައިއެމްއެސްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެތައް ބަޔަކު މަރުވުމާއި ގުޅިގެން، އެކަމުގެ ހިތާމައިގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެޙްބާޒް ޝަރީފަށެވެ.
ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައިވަނީ ތުއްތި ކުދިންގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާގެ ހަބަރު އަޑު އެއްސެވީ ފުން ހިތާމައާއެކުކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ހެޔޮ ދުއާއާއި، މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކާއެކުގައި ކަމަށާއި، އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މި ހާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަކީ، ކުރިމަގުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

.jpg?w=3840&q=75)
%20(1).jpg?w=3840&q=75)





