ވާދަވެރި ކުޅުމަކަށްފަހު ފަހުލަވާން ބަލިކޮށް އެސްޖީސީ އިން ތަށި ދިފާއުކޮށްފި
ހަސަން ޝަމްއޫން
1/2/2025, 5:18:33 PM
އެސްޖީސީ އާއި ފަހުލަވާން ވާދަކުރި މެޗުގެ ތެރެއިން...
ފ.ނިލަންދޫގައި މިހާރު ކުރިއަށްދާ ރަށްވެހި ޗެލެންޖު 2024 ގެ ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން ސުޕަރ ޖެނަރޭޝަން ކުލަބް (އެސްޖީސީ) އާއި އެންމެ ފަހުގެ ރަނަރަޕް ސްޕޯޓްސް ކުލަބު ފަހުލަވާން (އެސްސީއެފް) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އެސްޖީސީ އިން ދިފާއުކޮށްފިއެވެ.
މުބާރާތުގެ ފައިނަލުން އެސްޖީސީ ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު ތިންމެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އެސްސީއެފް ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޖީސީ އިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަގައި ކުރިހޯދީ އެސްޖީސީ އިންނެވެ. މިލަނޑި ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުހާމް އަބްދުއް ލަތީފް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު އެވެ.
އެސްސީއެފް އިން ނަތީޖާގެ ފަރަގު ކުޑަކުރި ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ޒައިދު މުހައްމަދު ނައީމް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޖީސީގެ ހަމްޒާ މުހައްމަދު އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމާއި 21 އަހަރުންދަށު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލުހާމް އަބްދުއް ލަތީފް (އެސްޖީސީ) އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކީ އަހުމަދު ރާބިއު (އެސްސީއެފް) އެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކީ ނިއު ޖެނަރޭޝަން ކުލަބު (އެންޖީއެސް) އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ނާއިޒް ހަސަން (އެސްސީއެފް) އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާފެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތަކީ ފ.އަތޮޅު ނިލަންދޫ ރަށްވެހި ގުރޫޕުން އިންތިޒާމުކޮށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނިލަންދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިިނަލަށް ހޮވޭގޮތަށެވެ.
މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ނިލަންދޫ ދާއިރާގެ މަޖްލީސް މެންބަރު ފާތުމަތު ސައުދާ އެވެ.އަދި މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.