








ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ދިވެހިރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފިއެވެ.
މިއީ ރާއްޖެއިން ޞިއްޙީ ދާއިރާގައި ކާމިޔާބީތަކެއް ހޯދާފައިވާތީ މިކަމުގެ އަގުވަޒަން ކުރުމަށް ދިން އެވޯޑެެކެވެ.ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފައިވަނީ، ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގައި ދޮށީ އުމުރަށް ދިއުމުގެ ކުރިން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ރާއްޖެއިން ހާސިލުކޮށްފައިވާތީއެވެ. އަދި މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީއެވެ.
ދޮށީ އުމުރަށް ދިއުމުގެ ކުރިން ގައިން ގަޔަށް ނާރާ ބަލިތައް ކަމަށްވާ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ބަލިތަކުގައި މަރުވާ މިންވަރު ނުވަތަ ޕްރީމެޗުއަރ މޯޓަލިޓީ، މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ރާއްޖެއިން ހާސިލުކޮށްފައިވަނީ އެ ލަނޑުދަނޑި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑި ކަަމަށްވާ 2030 ވަނަ އަހަރުގެ ކުރިންނެވެ.
ނަމަވެސް ދިވެހިރާއްޖެއިން ސުންގަޑީގެ 4 އަހަރު ކުރިން ލަނޑުދަނޑި ހާސިލުކޮށްފައިވާއިރު، މިއީ ދެކުނު އިރުމަތީ އޭޝިއާއިން މިހާތަނަށް މި ލަނޑުދަނޑި ހާސިލުކުރި ހަމައެކަނި ޤައުމެވެ.
މި އެވޯޑު ދިވެހިރާއްޖެއަށް އަރުވާފައިވަނީ، މިހާރު ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިން މިއެވޯޑާއި ދިވެހިރާއްޖޭގެ ފަރާތުން ހަވާލުވީ، ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މިއެވޯޑު ދިވެހިރާއްޖެއަށް ހަވާލުކޮށްދެއްވީ، އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ، ރާއްޖެއިން ހޯދާފައިވާ މި ކާމިޔާބީތަކަކީ، ސަރުކާރާއި މުޅި މުޖުތަމަޢު އެއް ވިސްނުމެއްގައި ކުރި މަސައްކަތުން ހޯދާފައިވާ ކާމިޔާބީތަކެއްކަން ފާހަގަކޮށްފައެވެ.
މީގެކުރިންވެސް އެޖަމިއްޔާއިން ވަނީ، ރާއްޖެއިން ސިއްޙީ ދާއިރާގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެކިފަހަރު މަތިން އެވޯޑު ދީފައެވެ. މިގޮތުން ދުންފަތާއި ދެކޮޅަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޚާއްސަ އެވޯޑެއް އަރުވާފައިވެއެވެ.
މީގެ އިތުރުން މައިންގެ ފަރާތުން ދަރިފުޅަށް އެޗްއައިވީއާއި، ސިފިލިސްއާއި، ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ޤައުމަކަށް ވުމުގެ ލަޤަބުވެސް ރާއްޖެއިން ވަނީ ހާސިލުކޮށްފައެވެ. އަދި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މިކަމުގެ ޚާއްސަ އެވޯޑެއްވެސް އަރުވާފައިވެއެވެ.








