



.png?w=3840&q=75)


.jpg?w=3840&q=75)

އޮންލީ އަދި ރިމާހް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ އާއި ރާއުޑީއެލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރާއުޑީއެލް އެސްސީ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގައި ޔުނައިޓެޑް ކޮންކުއިސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި މަސްނަނު އެސްސީ އާއި ވާދަކޮށް 5-5 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، އާރުޑީއެލް އެސްސީ އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް އާރުޑީއެލް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށްކުޅެ ރާއުޑީއެލް އެސްސީ މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި އެޓީމުގެ ހުސެއިން ޝަރީފް (އޮންލީ) އަދި އިބްރާހިމް ރިމާހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި މިމެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާގެ ހަމައެކަނި ލަނޑު އަހުމަދު ސުދައިސް އަލީ ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއުޑީއެލް އެސްސީގެ އިބްރާހިމް ރިމާހް އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން އާރުޑީއެލް އެސްސީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޔުނައިޓެޑް ކޮންކުއިސްޓާ އިން ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








.png?w=3840&q=75)