




.jpeg?w=3840&q=75)


އާރުޑީއެލް އެސްސީ އާއި މަސްނަނު އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި 17-3 ގެ ތަފާތުބޮޑު ނަތީޖާއަކުން މަސްނަނު އެސްސީ ބަލިކޮށް ބާކީ އެއްމެޗު އޮއްވައި އާރުޑީއެލް އެސްސީ އިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި އާރުޑީއެލް އެސްސީ އެންމެ ފަހުން ކުޅުނު މެޗުގައި 6-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ކޮންކުއިސްޓާ ބަލިކޮށްފައިވާއިރު، މަސްނަނު އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ އާއި ވާދަކޮށް 5-5 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މުޅި މެޗުގައި ވެސް އާރުޑީއެލް އެސްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 7-1 ގެ ނަތީޖާއަކުން އާރުޑީއެލް އެސްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އާރުޑީއެލް އެސްސީ އިން އިތުރު 10 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި މަސްނަނު އެސްސީ އިން ވެސް އިތުރު ދެލަނޑު ކާމިޔާބުކުރިއެވެ.
އެގޮތުން މިމެޗުގައި އާރުޑީއެލް އެސްސީގެ މިހައްމަދު އަފްއާން އާދަމް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އިބްރާހިމް ރިމާހް އަދި އަބްދުﷲ މުހައިމިން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.
މީގެ އިތުރުން މިމެޗުގައި އާރުޑީއެލްގެ ހުސެއިން ޝަރީފް (އޮންލީ) އަދި އަލީ ސިމާހް މއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، މުހަައްމަދު ޝުއައިބް، ޝައްފާން ހަސަން އަދި އަހުމަދު ބައްޝާރު މުހައްމަދު ހަނީފް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މަސްނަނުގެ އަބްދުﷲ އަލީމް މިމެޗުގައި ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ސަރުމީޒު އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު އާރުޑީއެލް އެސްސީ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތްއިރު، ބާކީ އެއްމެޗު އޮއްވައި އެޓީމުން ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ތީ މަސްނަނު އެސްސީ އިން ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.







