





.jpeg?w=3840&q=75)

ކޮންކުއިސްޓާ އާއި ޔުނައިޓެޑް އާރުޑިއެލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް އާރުޑީއެލް އާއި ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުކޮށް ކޮންކުއިސްޓާ އިން މުބާރާތުގެ ސެމީފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
މުބާރާތުގައި ކޮންކުއިސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި އާރުޑީއެލް އެސްސީ އަތުން 6-1 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ޔުނައިޓެޑް އާރުޑީއެލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ތީ ލައިވް އެސްސީ ބަލިކޮށްފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކޮންކުއިސްޓާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއިލް ޝަހުދު އެވެ.
ޔުނައިޓެޑް އާރުޑީއެލް އިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ހަމްމާދު ނަސީމު ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން މުހައްމަދު ނާބިތު ނިޔާޒު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް ޖެހިގެން އައި މިނެޓުގައި ކޮންކުއިސްޓާގެ އިސްމާއިލް ޝަހުދު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ޔުނައިޓެޑް އާރުޑީއެލް އިން ވަރުގަދަކޮށް ފެށިއިރު، ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އިސްމާއިލް ވަޖީހު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް އާރުޑީއެލް ކުރީގައި އޮވެ މެޗު ނިމެންދަނިކޮށް މެޗުގެ އެންމެ ފަހުން މިނެޓުގައި ޝަނާން ރަޝާދު ވަނީ ލަނޑެއް ކާމިޔާބުކޮށް ކޮންކުއިސްޓާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު ޔުނައިޓެޑް އާރުޑީއެލް ތާވަލުގެ ދެވަނައިގައި މިވަގުތު އޮތްއިރު ބާކީ އެއްމެޗު އޮއްވައި އެޓީމަށް ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ކޮންކުއިސްޓާ އިން ސެމީފައިނަލުގެ އުންމީދު ދެމެހެއްޓިއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.







