



.png?w=3840&q=75)


.jpg?w=3840&q=75)

ޔުނައިޓެޑް އާރުޑީއެލް އާއި ތީ ލައިވް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ތީ ލައިވް އެސްސީ ބަލިކޮށް ޔުނައިޓެޑް އާރުޑީއެލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި ތީ ލައިވް އެންމެ ފަހުން ކުޅުނު މެޗުގައި 6-3 ގެ ނަތީޖާއަކުން ވިންސިއާ އަތުން ބަލިވެފައިވާއިރު، ޔުނައިޓެޑް ރާއުޑީއެލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އާރުޑީއެލް އެސްސީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑް އާރުޑީއެލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ނާބިތު ނިޔާޒު އެވެ.
މީ ލައިވް އެސްސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަހުމަދު އިރުޝާން އެވެ.
އާރުޑީއެލްގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ހަމްމާދު ނަސީމު ކާމިޔާބުކުރިތާ މިނެޓެއް ނުވަނީސް ތީ ލައިވްގެ ނައުހާދު އިބްރާހިމް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ޔުނައިޓެޑް އާރުޑީއެލް މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަހުމަދު ހިޝާމް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް އާރުޑީއެލްގެ އިސްމާއިލް ވަޖީހު އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ޔުނައިޓެޑް އާރުޑީއެލް ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ތީ ލައިވް އެސްސީ އިން ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








.png?w=3840&q=75)