
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ސިޔާސީ ކުލަވަރު ނުޖައްސާ، އެއްބާރުލުންދިނުމަށް އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިްއޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ކޮންމެ އުމުރެއްގެ އުޅަނދެއް ވެސް ބޭނުން މުއްދަތަކަށް ދުއްވުމުގެ ހުއްދަ މިހާތަނަށް އޮތް ޤައުމެއް ކަމަށާއި މި މައްސަލަ ހައްލުކުރުމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހަދާފައިވާ ދިރާސާ ރިޕޯޓުގައި ވެހިކަލެއްގެ އެންމެ ދިގު އުމުރަކީ 15 އަހަރު ކަމަށް ލަފާދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނުޖެހޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައެޅުން ކަމަށާއި މި ބަދަލު ގެނައުމުގައި ސަރުކާރުން އިސްކަންދޭނީ ރައްޔިތުންނާ މަޝްވަރާކޮށްގެން، ޖީބަށް ބުރަ ނުވެ، އިތުރު މާލީ އެހީތަކާއި ލޯނުތައް ނަގަން ނުޖެހޭނެ ފަދަ ލުއި "މެދުމިންގަނޑެއް" ޚިޔާރުކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވަނީ އުޅަނދުތަކުގެ އުމުރު ކަނޑައެޅުމުގެ ސިޔާސަތު ތަންފީޒުކުރުން ތިން އަހަރު ދުވަހަށް ފަސްކުރި ސަބަބު ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން އެ މުއްދަތު ހަމަވެގެން އަމަލީ މަސައްކަތް ފަށާއިރު ވެސް، ވެހިކަލްތައް ކުއްލިއަކަށް އުކާލަން ޖެހިދާނެތީ އެއްވެސް ރައްޔިތަކު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި އެކަށީގެންވާ ވަގުތާއި ލުއިފަސޭހަ އިންތިޒާމުތަކެއް ސަރުކާރުން ފަހިކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީ ކަމަށެވެ. އަދި މާލޭގައި އާންމުންނަށް ހިނގާބިނގާވެ އުޅުމަށް ބޭނުންކުރެވެނީ މަގުތަކުގެ އެންމެ 18 އިންސައްތަ ޖާގަ ކަމަށެވެ. އެހެންކަމަށްވާއިރު، މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މިފަދަ މުހިންމު ޤައުމީ ކަމެއްގައި، ސިޔާސީ ފިކުރުތައް އެއްކިބާކޮށް އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ސައީދު ގޮވާލެއްވިއެވެ. އަދި މަގުމަތީގެ އަމާންކަން ޤާއިމުކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއްގެ ތެރެއަށް ސިޔާސީ ކުލަވަރު ނުވެއްދުމަށް އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރ ސައީދު ވަނީ މިކަމުގައި އެންމެހައި ރައްޔިތުންނާއި ފަރާތްތަކުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަން ތަކުރާރުކޮށް ހާމަކުރައްވާފައެވެ.
















