ރޮނާލްޑޯގެ ދެލަނޑާއެކު ޑަމަކް އަތުން މޮޅުވެ އަލް ނަސްރު ތިންވަނައަށް
ހަސަން ޝަމްއޫން
11/29/2024, 7:31:52 PM
އަލް ނަސްރު އާއި ޑަމަކް ވާދަކުރި މެޗުގެ ތެރެއިން..
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަގުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޑަމަކް އަތުން މޮޅުވެ އަލް ނަސްރުން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލްޣަރަފާ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޑަމަކް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން އަލްޚުލޫދު ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި އަލް ނަސްރުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓް ކުރަމުންދަނިކޮށް ޑަމަކަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު އަބްދުލްކާދަރު ބެޑްރެއިންއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީ ބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރުއަކު މަދުކޮށެވެ.
އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ. މިއީ އުމުރުން 39 އަހަރުގެ ރޮނާލްޑޯ ލީގުގައި ކުޅުނު 11 މެޗުގައި އޭނާ ކާމިޔާބުކުރި ނުވަ ވަނަ ލަނޑެވެ. އަދި މީގެ އިތުރުން މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 915 ވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި އަލް ނަސްރުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ
މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން އަލް ނަސްރަށް 25 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޑަމަކް ލީގުގައި ކުޅުނު 12 މެޗުން ލިބުނު 14 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.