








ރޮނާލްޑޯ (މ) ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އަލް ތާވޮން އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް އިއްތިފާގު އަތުން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވިއިރު، އެމެޗުގެ 12 ވަނަ މިނެޓުގައި ކީޕަރު ބެންޓޯއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އަލް ނަސްރުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.
ސައުދީ ވެރިރަށް ރިޔާދުގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ތާވޮން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބައްސާމް އަލް ހުރޭޖީ އެވެ.
އަލް ނަސްރުން ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ، އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ސަމޫ ކޯސްޓާއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރު މިމެޗުން މޮޅުވި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މިއީ ރޮނާލްޑޯގެ ކެރިއަރުގައި މިހާތަނަށް ކުލަބަށާއި ގައުމީ ޓީމަށް އޭނާ ކާމިޔާބުކުރި 978 ވަނަ ލަނޑެވެ. އަދި ކެރިއަރުގައި 1000 ގޯލް ހަމަކުރުމަށް ރޮނާލްޑޯ މިހާރު ބޭނުން ވަނީ އެންމެ 22 ލަނޑެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އަލް ނަސްރު މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އަލް ތާވޮން އިން ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ދެ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.




