








އަލް ނަސްރުގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފަފާޅުކުރަނީ..
ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް އަބާ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރުން ތާވަލުގެ ކުރީގައި އޮތް އަލް ހިލާލް އާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.
ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި އަލް އިއްތިހާދު އަތުން ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މި ސީޒަނުގައި ފުރަތަމަ ޑިވަޝަނަށް ޕްރޮމޯޓްވި އަބާ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަލް އިއްތިފާގު އަތުން އެޓީމު ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މީގެ އިތުރުން މިދެޓީމުން އެންމެ ފަހުން ލީގު މެޗެއްގައި 2024 ވަނަ އަހަރު ވާދަކޮށްފައިވާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު އަލް ނަސްރުން އެމެޗު ކާމިޔާބުކުރީ 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ސައުދީ ވެރިރަށް ރިޔާދުގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ލީޑު ހޯދައިދިންއިރު، މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ފޯވާޑް އަބްދުﷲ އަލް ހަމްދާން އެވެ. އަދި މިދެލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އެންޖެލޯ އެވެ.
އަބާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ނަބިލް ފެކީރް އެވެ. މިއީ އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ހޯދި 15 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އަލް ނަސްރު ތާވަލުގެ ދެވަނައިގައި އޮތްއިރު، މިމެޗުން ބަލިވި އަބާ އިން ލީގުގައި ކުޅުނު ހަ މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
މިގެ އިތުރުން މިމެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑަކީ އޭނާ ފުޓްބޯޅަ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް މިހާތަނަށް ކާމިޔާބުކުރި 979 ވަނަ ލަނޑެވެ. ފުޓްބޯޅަ ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް ރޮނާލްޑޯ މިހާރު ބޭނުން ވަނީ އެންމެ 21 ލަނޑެވެ




