





.jpg?w=3840&q=75)


ރައީސް މުއިއްޒު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން : ފޮޓީ - ރައީސް އޮފީސް
ދިވެހިރާއްޖެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 900 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ވޭތުވެދިޔަ ނުވަ ޤަރުނު ތެރޭގައި މި ޤައުމު ހޯދި އެންމެހައި ނަޞްރާއި ކުރިއެރުމުގެ މައިބަދައަކީ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި، ދިވެހި އުންމަތަށް އިސްލާމްދީނުގެ ނޫރު މިންވަރުކޮށްދެއްވި ކަމަށްޓަކައި މާތް ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ. އަދި މި މަތިވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ 9 ޤަރުނު ދިވެހި ރައްޔިތުން ދަރިންނަށް ވާރުތަކޮށްދެމުން އައީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ބިންގަލަކީ އިސްލާމްދީން ކަމުގެ ވިސްނުމެވެ. އަދި ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، އާދަކާދަތަކާއި، އަދި އިޖުތިމާޢީ އެންމެހައި ގުޅުންތައް ބައްޓަންކުރެވިފައި ވަނީ އިސްލާމީ ރިވެތި އުސޫލުތަކާއި ޘަޤާފަތުގެ މައްޗަށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ޤައުމުގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ކުރިމަތިވި ކޮންމެ ނުރައްކަލަކާ ދެކޮޅަށް ﷲ ގެ މަގުގައި ދިވެހި ކާބަފައިން ކެރިގެން ޖިހާދުކޮށްފައިވާކަން އެމަނިކުފާނު ހަނދާން އައުކުރެއްވިއެވެ. އަދި ދިވެހި ޤައުމުގެ އިއްޔެއާއި، މިއަދުގެ އިތުރުން މާދަމާގެ ވެސް ޙަޤީޤީ ރައްކާތެރިކަމަކީ މި މަތިވެރި ދީން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ދިވެހީންނަކީ އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ސާބިތުވެތިބޭ ބައެއްގެ ގޮތުގައި ލެހެއްޓެވުމަށާއި، މި ދީނުގެ ބަރަކާތުން ދިވެހި ވަޠަނަށް ދާއިމީ ރައްކާތެރިކަމާއި، ޢިއްޒަތާއި، މަތިވެރިކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.






.jpg?w=3840&q=75)

