








ވަޓްކިންސް އަލް އަހްލީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ސައުދީ ޕްރޮފެޝަންލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަލް އަހްލީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލް އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އަލް ހިލާލް އެންމެ ފަހުން ކުޅުނު މެޗުގައި 5-1 ގެ ނަތީޖާއަކުން އަލް ޚަލީޖް އަތުން މޮޅުވެފައިވާއިރު، އަލް އަހްލީ އެންމެ ފަހުން ކުޅުނު މެޗުގައި އަލް ޚްލޫދު އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ސައުދޫ ވެރިރަށް ރިޔާދުގެ ކިންގްޑަމް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ނުވަ ވަނަ މިނެޓުގައި އަލް ހިލާލްގެ މިޑްފީލްޑަރު ސާޖް މިލިންކޮވިޗް ސަވިޗް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
އަލް ހިލާލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރައިސެންސިއޯ ސަމަރވެލް އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލް އަހްލީގެ ޑިފެންޑަރު ޑިމެރާލް އަށް ދެވަނަ ރީނޑޫކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން، މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ ދެވަނަ ހާފުގައި އަލް އަހްލީ އިން އެއްކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް މިހާފުގައި އެޓީމުން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުނެއް ކުޅު، ކައުންޓާ އެޓޭކުތަކުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، އަލް ހިލާލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދާދި ފަހުން ޕްރެމިއާ ލީގުގެ އެސްޓަން ވިލާ އިން އެޓީމާއި ގުޅުނު އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް އެވެ. މިމެޗުގައި ވަޓްލިންސް ކުޅެން ނުކުމެފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އަލް ހިލާލް މިވަގުތު އޮތްއިރު، ދެވަނައިގައި އޮތް އަލް ނަސްރުން ވެސް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައެވެ. އަދި މިމެޗުން ބަލިވި އަލް އަހްލީ އިން ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.




