



.jpg?w=3840&q=75)




އަލް އިއްތިހާދު ކުޅުންތެރިން އަލް ނަސްރުކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން އަލް ނަސްރު އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދުން ކާމިޔާބުކޮށްފިއެވެ.
ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު އަލް އިއްތިހާދުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ޖޯޖް އެލެންނިކީނާ އެވެ.
އަލް އިއްތިހާދުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އުމުރުން 20 އަހަރުގެ ފޯވާޑް އެލެންނިކީނާ އެވެ. އަދި އަލް ނަސްރުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ 36 ވަނަ މިނެޓުގަައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އަންޖެލޯ އެވެ.
މިގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން އަލް ނަސްރަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިއީ މިސީޒަނުގައި އަލް ނަސްތު ބަލިވި ފުރަތަމަ މެޗެވެ.
މީގެ އިތުރުން މިމެޗުން މޮޅުވި އަލް އިއްތިހާދުން ލީގުގައި ކުޅުނު ފަސް މެޗުން ހޯދި 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.




.jpg?w=3840&q=75)