.jpg?w=3840&q=75)








ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ސިޓީއެއް ފޮނުއްވައިފިއެވެ.
އެ ސިޓީގައި ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާއަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކާއި ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް އެތެރެވެފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެއްވެސް އިދާރާއެއްގެ ހުއްދައެއް ނެތިކަން ފާހަގަކޮށް، އެ ސިޓީގައި އިތުރަށް ބުނީ ވެރިރަށް މާލެ ކައިރީގައި ހަފުތާއެއްހާ ދުވަހު ބަނދަރުކޮށްފައި އޮތްއިރު ކަމާބެހޭ ފަރާތްތަކަށް މި އުޅަނދުތައް ފާހަގަކުރެވިފައި ވަނީ މެއި މަހުގެ 3 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން އެ ދެ ބޯޓުގައި ތިބި ފަޅުވެރިން ހާލުގައި ޖެހިފައިވާތާ 5 މަސްދުވަސްވެ، ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ހާމަކުރަމުންދިޔަ އިރުވެސް އެކަށޭނަ ހައްލެއް ހޯދައިދެވިފައި ނުވާ ސަބަބު އޮޅުންފިލުވުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ. އަދި ބަނދަރު ސަރަޙައްދުގައި އެ އުޅަނދުތައް އޮތް މުއްދަތުގައި، އެ ތަކެތީގެ ސަލާމަތީ އަދި ފަންނީ ހާލަތު ވަޒަންކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ސާފުކުރުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
ހަމަމިއާއެކު ރާއްޖޭގެ މުހިންމު އުމްރާނީ ބިނާއެއް ކަމަށްވާ ސިނަމާލެ ބްރިޖަކީ އެކަށީގެންވާ ގޮތެއްގައި އިންޝުއަރ ކުރެވިފައިވާ ތަނެއްތޯއާއި، ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ މިންވަރު ބެލުމަށްވެސް މެންބަރު އެދިވަޑައިގެންފައި ވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމާއި ގައުމީ ސަލާމަތުގެ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތައް ހާމަވި ކަމަކަށްވާތީ، މަޖިލީހުގެ 241 ކޮމިޓީން މި މައްސަލަ ބައްލަވައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް މެމްބަރގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
.jpg?w=3840&q=75)



