








ގައްދޫ އާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ ތެރެއިން..
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ގައްދޫ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކާމިޔާބުކޮށްފިއެވެ.
ދިވެހި ލީގު ތާރީޚުގައި އަތޮޅު ތެރޭގައި ކުޅުނު މިމެޗު ފުރަތަމަ ކުޅެން ޝެޑިއުލް ކުރީ އިއްޔެ ހަވީރު އެވެ. ނަމަވެސް ވިއްސާރަވެ މޫސުމް ގޯސްވުމުގެ ސަބަބުން މިއަދަށް މެޗު ރީޝެޑިއުލް ކުރީއެވެ.
ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ނިއުރޭޑިއަންޓުން ވަނީ ލަނޑެއްް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އެވެ.
މިއީ ނިއުގެ ބްރެޒިލް މިޑްފިލްޑަރު ގޯމޭސް ޑަ ސިލްވާ ގައްދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން މިހާފުގައި ނިއުގެ ލީޑު ފުޅާކުރުމަށް އެޓީމުގެ އަލީ ފާސިރު (ސެންޓޭ) އަށް ވެސް ވަނީ ވަރަށް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އަދި މިހާފުގައި ގައްދޫ ޓީމުން ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ސާބިއާ ފޯވާޑް އުރޯސް ޖެމޯވިޗްއަށެވެ.
ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ނިއުގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގައްދޫއަށް ލިބުނު ހިލޭ ޖެހުމެއްގައި ޖެމޯވިޗް ފޮނުވާލި ބާރު ހަމަލާ ނިއުގެ ކީޕަރު އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ނިއުރޭޑިއަންޓުން ލީގު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބެސް ޑޯރީ އެވެ. އަދި މިލަނޑަކީ ވެސް ޑަ ސިލްވާ ގައްދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ ނިއުގެ ޑޯރީއަށެވެ. ނަމަވެސް ގައްދޫގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލު ހަމަލާ ގޯލާއި އަމާޒުނުވެ ބޭރަށް ދިޔައިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިން ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އެވެ.








