



.jpg?w=3840&q=75)




އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ބީއެމްއެލް އިން އައު ލިމިޓްތަކެއް
ރާއްޖެއިން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަށް ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ އުސޫލަކުން ވަކި ލިމިޓްތަކެއް ކަނޑައަޅައި، އެކަން ތަންފީޒުކުރުމަށް ބޭންކުން ނިންމައިފިއެވެ.
މި އައު އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ގައުމަށް އެންމެ ބޭނުންތެރި ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40،000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ރުފިޔާ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން މުދަލާއި ޚިދުމަތް ހޯދަމުންދާއިރު، އެވްރެޖްކޮށް ދުވާލަކު 20،000 އަށްވުރެ ގިނަ މުއާމަލާތް ކުރެވެއެވެ. މި އަހަރު މިފަދަ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެ، އެކަމަށް ބޭނުންވާ ޑޮލަރުގެ މިންވަރު ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި މިންވަރަށްވުރެ އިތުރުވުމުގެ ސަބަބުން، ޒަރޫރީ ޚިދުމަތްތަކަށާއި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
އައު އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން މަހަކު ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ހޭދަކުރެވޭނެ ގޮތް ހަމަޖައްސައި، ވަކިވަކި ދާއިރާތަކަށް ދުވާލަކު ބޭނުންކުރެވޭނެ ލިމިޓްތަކެއް ވަނީ ކަނޑައަޅާފައެވެ. ދުވާލުގެ ލިމިޓް ހަމަވެއްޖެނަމަ ޖެހިގެން އަންނަ ދުވަހު ނުވަތަ ޑޮލަރު ކާޑެއް މެދުވެރިކޮށް މުއާމަލާތް ފުރިހަމަކުރެވޭނެއެވެ. އަދި ދުވާލުގެ ލިމިޓް ކޮންމެ ދުވަހެއްގެވެސް ހެނދުނު 7:00 ގައި ރީސެޓްވާނެއެވެ.
ކަނޑައެޅިފައިވާ ދާއިރާތަކާއި ލިމިޓްތަކުގެ ތަފްސީލު:
ބީއެމްއެލް އިން ވިދާޅުވީ، މުއާމަލާތްތައް ކުރާ މިންވަރާއި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ކަނޑައެޅިފައިވާ އަދަދުތަކަށް ދޭތެރެ ދޭތެރެއިން މުރާޖައާކޮށް އެކަށީގެންވާ ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.




.jpg?w=3840&q=75)



