





.jpg?w=3840&q=75)


ދިވެހިރާއްޖޭގެ ތާރީޚުގެ ޞަފުޙާތަކަށް ނަޒަރު ހިންގައިލާއިރު، ދިވެހި އުންމަތަށް ލިބުނު އެންމެ މަތިވެރި، އެންމެ އަގުބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތެވެ. ޖަހާލަތާއި އަނދިރިކަމުގެ ތެރޭގައި ޣާފިލުވެފައި އޮތް މި ކުޑަކުޑަ ޖަޒީރާ ޤައުމު، ތައުޙީދުގެ ނޫރުން ދިއްލި، އިސްލާމީ ވަޙްދަތުގެ ފޮނިމީރުކަން ލިބިގަތްތާ މިއަދު މިވަނީ 9 ޤަރުނު ފާއިތުވެފައެވެ. މިއީ ޝައްކެއްވެސްނެތް ގޮތުގައި މާތް ﷲ މި ލޮބުވެތި ދިވެހި ފަސްގަނޑަށް މިންވަރުކުރެއްވި އެންމެ ބޮޑު ރަޙުމަތެވެ.
ދިވެހި ތާރީޚުގައި ލިޔެވިފައިވާ ގޮތުގައި، ރާއްޖެ އިސްލާމްދީނުގެ ހިޔަލަށް ފިރައިލީ ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ތެރޭގައެވެ. މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވާފައިވާ ގޮތުން ރާއްޖެ އިސްލާމްވީ 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. މި މަތިވެރި ބަދަލު އައީ އެއިރު ރަސްކަމުގައި ހުންނެވި ކޯމަލާ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ. އިސްލާމްދީން ޤަބޫލުފުޅު ކުރެއްވުމަށް ފަހު އެ ރަދުން އިޚްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲ އެވެ. ދިވެހި ތާރީޚުގައި އެ ރަދުންގެ ނަންފުޅު މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.
ރާއްޖެ އިސްލާމްވި ތާރީޚީ މުނާސަބަތު ރަސްމީ ގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފެށުނީ ހިޖުރައިން 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު (މީލާދީން 1954 ވަނަ އަހަރު) އެވެ. އެއީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައެވެ. ނަމަވެސް، 1388ހ. (1968މ.) ގައި މި ދުވަސް ފާހަގަކުރުން ސަރުކާރުން މެދުކަނޑާލެއްވިއެވެ. އޭގެ ދިގު މުއްދަތަކަށް ފަހު، މި ދުވަސް އަލުން ކުލަގަދަކޮށް ފާހަގަކުރަން ނިންމެވީ 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވުމާއެކު، ދިވެހީންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށް، ދީނީ ހޭލުންތެރިކަން ދެމެހެއްޓުމެވެ.
ޖަހާލަތާއި ބުދުދީނުގެ ބާޠިލު ފަލްސަފާތަކުގެ ތެރޭގައި ތިބި ދިވެހީންނަށް އިސްލާމްދީނުގެ ސަބަބުން ލިބުނީ ހަމައެކަނި އަޤީދާއެއް ނޫނެވެ؛ ޢިލްމާއި، ޙަޟާރަތާއި، ރިވެތި އަޚްލާޤާއި، އެއްބައިވަންތަކަމުގެ މަތިވެރި ބިންގަލެވެ. މި ފާއިތުވި ނުވަ ޤަރުނުގެ ތެރޭގައި ދިވެހީންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުނަކަށް ވެފައިވަނީ މާތްވެގެންވާ އިސްލާމްދީނެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަކީ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ވާޞިލުކޮށްދިން މި އަގުހުރި ހިދާޔަތުގެ ނިޢުމަތް ހަނދާންކޮށް، ޝުކުރުވެރިވުމުގެ މުނާސަބަތެކެވެ. މިއަދު އަޅުގަނޑުމެންގެ ވާޖިބަކީ، މި މަތިވެރި ނިޢުމަތުގެ އަގުވަޒަންކޮށް، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެ، ޤައުމުގެ އިސްލާމީ ވަޙްދަތާއި އެއްބައިވަންތަކަން އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުމެވެ.




